ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލަށް ބޮޑު ބައްޔަކާއި ކުރިމަތިވެއްޖެއެވެ. ރޭ ލިވަޕޫލްގެ އެންފީލްޑްގައި އިޓަލީގެ އެތުލާންޓާ އަތުން 3-0 ގެ ނަތީޖާއިން ލިވަޕޫލް ވަނީ ބަލިވެފައެވެ.
މި މެޗަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ނެރުނު ފުރަތަމަ އެގާރާގައި، މުހައްމަދު ސަލާހްގެ އިތުރުން ޑިއާޒްއާއި ރޮބާޓްސަން އަދި ޒޮބޮސްލާއީ ވެސް ހިމެނާފައި ނުވެއެވެ.
މި މެޗުގައި އެތުލާންޓާގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ޒަޕަކޮސްޓާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ސަމައްކާއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން އެތުލާންޓާ ކުރީގައި އޮވެގެންނެވެ.
މެޗުގައި ލިވަޕޫލުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ހޯދާފައެވެ. މިގޮތުން ޑާވިން ނުނޭޒްއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވީއިރު، ހާވޭ އެލިއޮޓް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން ސަލާހް ވަނީ ދެވަނަ ހާފުގައި ލަނޑެއް ވެސް ޖަހާފައެވެ. ވީއޭއާރުން ބެލުމަށްފަހު ލަނޑު ކެންސަލްކޮށްލީ ސަލާހް އޮފްސައިޑް ވުމުންނެވެ.
ދެވަނަ ލަނޑު އެތުލާންޓާއިން ޖެހީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު ކެޓަލާރޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ވެސް ސަމައްކާއެވެ. އެތުލާންޓާގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ މާރިއޯ ޕަސަލިކެވެ. މި ލަނޑު ޖަހަން އެތުލާންޓާއިން ފުރުސަތު ފަހިކުރީ ލިވަޕޫލްގެ މެދުތެރެއިން އެ ޓީމްގެ މިޑްފީލްޑަރ ޒޮބޮސްލާއީ ހެދި ގޯހަކުން ލިބުނު ބޯޅައަކުންނެވެ.
މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނީ އެތުލާންޓާގެ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!