ހައްދުންމަތީ ގާދޫގައި ތަރައްގީކުރާ "މެރިޓައިމް ހަބް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޗައިނާގެ ކެމްސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެކު އެމްޕީއެލުން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި ކެމްސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލީ ވެއިވެއިއެވެ.
މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް ލާމު ގާދޫގައި ތަރައްޤީކުރާ "މެރިޓައިމް ހަބް" ރަސްމީކޮށް އިފްތިތާހްކުރީ ލާމު އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާޙްކުރުމަށް މިރޭ ލާމު ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ގާދޫގައި ތަރައްޤީކުރާ މެރިޓައިމް ހަބަކީ ޝިޕިން ޓްރޭޑް ލޮޖިސްޓިކްސް އަދި ފަތުރުވެރިކަން ފަދަ މެރިޓައިމް އެކި ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ޙާއްސަ ސަރަހައްދެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މަގުފަހިވެ ވަޒީފާގެ ފުރުސަތުތަކާއި އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
ހައްދުންމަތީގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓާމިނަލެއް ޤާއިމްކުރާނެއެވެ. އަދި ގާދޫއާއި ފޮނަދޫއާއި އިންވެގެން އޮތް ފަޅުތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ސަރަހައްދުގައި ސުޕަ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ. ސުޕަ ޔޮޓް މެރީނާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޔޮޓްތައް ޕާކްކުރެވޭގޮތަށް ފަރުމާކުރެވޭނެ ޚާއްސަ ސަރަހައްދެކެވެ. އަދި އޮފްޝޯ ބަންކަރިންގެ ޚިދުމަތުގެ އިތުރުން ގާދޫގައި ވެލާ ރިހެބިލިޓޭޝަން ސެންޓަރެއް ވެސް މި މަޝްރޫއުގެ ދަށުން ޤާއިމްކުރާނެއެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ލާމު މެރިޓައިމް ހަބަކީ އެ އަތޮޅުގެ އިގްތިސާދަށް އާދަޔާ ހިލާފު ފައިދާއެއް ކުރާނެ މަޝްރޫއެއް ކަމަށެވެ.
“އަޅުގަނޑު (ލާމު އަތޮޅު) ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ މި ފެށިގެންދާ މަޝްރޫޢޫތަކުން މަދުވެގެން ޑިރެކްޓްކޮށް 2000 މުވައްޒަފުން ބޭނުންވާނެކަން. އަދި އިންޑައިރެކްޓްކޮށް އާދަޔާ ހިލާފަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ. މިކަންތައްތައް ފުރިހަމަވުމުން މި އަތޮޅާއި އަދި ކައިރީގައި އޮތް އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އާދަޔާ ހިލާފު އިޤްތިސާދީ މަންފާތަކެއް ކުރާނެ،" ވަޖީހް ވިދާޅުވިއެވެ.
ވަޖީހް ވިދާޅުވީ އެމްޕީއެލުގެ ވިސްނުމަކީ ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކޮށް، އާމްދަނީ އިތުރުކޮށް ގައުމުގެ އިގުތިސާދީ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރުން ކަމަށެވެ.
ހައްދުންމައްޗަށް އަންނަ މެރިޓައިމް ހަބްގެ ޚިދުމަތާއެކު އެ އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީކޯ-ފްރެންޑްލީ ޑިވެލޮޕްމަންޓް މެތޮޑްސް ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!