ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީއާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ބާސާއިން ބޮޑުކޮށްފިއެވެ.

މުބާރާތް ފަސްފަހަރު ކާމިޔާބު ކޮށްފައިވާ ބާސާއިން، އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. ފާއިތުވި ދެ ސީޒަންގައި ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް މި ސީޒަންގައި ކުޅުން ރަނގަޅުކޮށް ބާސާ މިވަނީ ސެމީގެ އުންމީދު ބޮޑުކޮށްފައެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ ރަފީނިއާއެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމުނީ ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ޕީއެސްޖީން ފެށީ ވަރުގަދަ ކޮށެވެ. މިގޮތުން ހާފު ކުރީކޮޅު ދެ ލަނޑުޖަހައި ނަތީޖާ އެ ޓީމްކޮޅަށް އަނބުރާލިއެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 48 ވަނަ މިނެޓުގައި ޖަހައިދިނީ ކުރިން ބާސާއަށް ކުޅުނު ޑެމްބެލޭއެވެ. އޭގެ ދެ މިނެޓް ފަހުން ޕީއެސްޖީގެ ވިޓީނިއާ ވަނީ ލަނޑުޖަހައި ޕީއެސްޖީއަށް ލީޑު ހޯދައިދީފައެވެ.

ބާސާއިން ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ވެސް ރަފީނިއާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ 62 ވަނަ މިނެޓުގައި ޕެޑްރީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ބާސާ މޮޅުވިލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓެންސަންއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ގުންޑަގާން ނެގި ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައެވެ.

މި މެޗުގައި ޕީއެސްޖީގެ ކެޕްޓަން އެމްބާޕޭ ހުއްޓުވުމުގައި ބާސާގެ ޑިފެންސުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި އޭނާއަށް ބާސާގެ ގޯލާއި ދިމާކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެދުގެ މެޗު އޮންނާނީ އަންނަ ހަފްތާ އަންގާރަ ދުވަހުގެ ރޭ ބާސެލޯނާ ދަނޑުގައެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ބާސާއަށް ސެމީން ޖާގަ ކަށަވަރު ކުރެވޭނެއެވެ.