މާލޭ ސަރަހައްދަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48 ޑިގްރީ ސެލްސިއަސްގައި ކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބޭހޭ އިދާރާއިން ބުނެފިއެވެ.

Ad
rt

މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖޭ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނީ ގަދަ ހޫނުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއްކަމަށާއި، މިގޮތުން މެންދުރު ވަގުތު ބޭރަށް ނުކުންނައިރު ކުޑަ ބޭނުން ކޮށް، އަވިން ރައްކާތެރިކޮށްދޭ ލޯޝަނާއި އަވިއައިނު ބޭނުން ކުރުމުގެ އިތުރުން ގިނައިން ފެންބުއިމަށް ވަނީ އިރުޝާދު ދީފައެވެ.

އެ އިދާރާއިން ބުނީ ކޮންމެ ދުވަހަކު ވެސް ހޫނުމިން އެންމެ މައްޗަށްދާނީ މެންދުރު ކުރީ 11:00 އިން މެދުންދުރު ފަހު 15:00 އާއި ދެމެދު ކަމަށެވެ.

އެ އިދާރާއިން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގެ މިއަދުގެ ހޫނުމިން އާންމުކޮށްފައެވެ. މިގޮތުން އެ ހުރިހާ ސަރަހައްދަކަށް ވެސް އިހުސާސް ކުރެވޭ ހޫނުމިން އުޅެނީ 40 ޑިގްރީ ސެލްސިއަސް އަށްވުރެ މަތީގައެވެ. ހަނިމާދޫގައި އިހުސާސް ކުރެވޭ ހޫނުމިން 41.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ކައްދޫގައި ހުރީ 43.5 ޑިގްރީ ސެލްސިއަސްގައި އެވެ. އަދި ކާޑެއްދޫގައި 42.6 ޑިގްރީ ސެލްސިއަސްގައި އިހުސާސް ކުރެވޭ ހޫނުމިން ހުރިއިރު، ގަމުގައި ހުރީ 41.2 ޑިގްރީ ސެލްސިއަސްގައިއެވެ.