އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ރަސްދޫގައި ކުޑަ ކުއްޖަކަށް އަނިޔާ ކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އަނިޔާ ލިބިފައިވަނީ އއ. މަތިވެރި ކުއްޖަކަށެވެ. ރަސްދޫ އަށް އެ ކުއްޖާ ދިޔައީ އާއިލާ އާ އެކީގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

Ad
rt

އެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މާފަށް އެދި އެކަމުގައި ކުއްޖާ އަށް އަދަބު ލިބެން ޖެހޭނެ ކަމަށް ބުނެފައެވެ. މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ އަށް ލިބިފައިވާ ބިރުވެރިކަމާއި ނަފުސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ، އެކަމާ މެދުގައި އެ އާއިލާއިން ހިތާމަކުރާ ކަމެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"އަނިޔާ ލިބުނު ކުއްޖާގެ ކިބައިންނާއި އެ ކުއްޖާގެ އާއިލާގެ ކިބައިން މިކަމާ ހިތާމަކުރާ ހާލު މާފަށް އެދެމެވެ،" އެކަން ކުށްވެރިކޮށް ފޭސްބުކްގައި ޝާއިއު ކުރި ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވި ސްކްރީންޝޮޓްތަކެއްގައި އެ އާއިލާއަށް ނިސްބަތްވާ މީހަކު އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ ކޮމެންޓް ކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާފައިވާކަން އެ އާއިލާއަށް އެނގުނީ ޕޭޖެއްގައި ސްކްރީންޝޮޓްތައް އާންމުކުރުމުން ކަމަށާއި އެ ސްކްރީންޝޮޓްތައް ދައުރުވާން ފެށުމުން މުޖުތަމައަށް އެ އާއިލާ ސިފަވެފައި ވަނީ ހަނގާކުރުމަށް ހިތްވަރުދޭ އާއިލާއެއް ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

"އެހެންނަމަވެސް އެ ސްކްރީންޝޮޓްތަކުގައި އޭނާ ބުނެފައިވާ ވާހަކަތަކަކީ މި އާއިލާއިން މި މައްސަލައާމެދު ދެކޭ ގޮތެއް ނޫން. އެއްވެސް އުމުރެއްގެ އެއްވެސް މީހަކަށް އެފަދައިން އަނިޔާވެރިވުމަކީ މި އާއިލާއިން ބާރުދޭ ކަމެއް ނޫން. މިގޮތަށް އޭނާ އަނިޔާކުރި ކުއްޖާ ދިފާއުކޮށް ކޮމެންޓް ކޮށްފައިވިޔަސް މި އާއިލާއިން އޭނާ ދިފާއުކުރުމުގެ އެއްވެސް ގަސްތެއް ނެތް." އެ ޕޯސްޓުގައިވެއެވެ.

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް އިއްޔެ ވަނީ ގޮސްފައެވެ. އޭގެ ތެރޭގައި ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް ހިމެނެއެވެ.

ރަސްދޫގައި މިކަން ހިނގާފައި ވަނީ ރޭ ތަރާވިސް ނަމާދު ގަޑީގައެވެ. ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ރޭ ދައުރުވެފައިވާއިރު، ވީޑިއޯއެއްގައި ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކޮށް ލާއިންސާނީ އަމަލު ހިންގަމުންދާ ތަނެވެ.