އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުން، ޔުނައިޓެޑް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭ ދެ ލަނޑުޖަހައި ޗެލްސީން ޔުނައިޓެޑް ބަލިކޮށްފިއެވެ.

ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ.

Ad
rt

ބަލާހިތްވާ ކަހަލަ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ގަލަގާ ޖަހައިދިންއިރު، ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކޯލް ޕާލްމާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ދެ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ގަނާޗޯ ޖަހައިދިންއިރު، ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ޑަލޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑުން ލީޑުނެގީ 67 ވަނަ މިނެޓުގައި ގަނާޗޯ ޖެހި ގޯލުންނެވެ. މި ލަނޑު ގަނާޗޯ ޖަހާފައި ވަނީ އުފެއްދި ކައުންޓަ އެޓޭކެއްގައި އެންތަނީ ދިން މޮޅު ބޯޅައަކުންނެވެ.

މެޗުގެ އިތުރު ވަގުތުގެ 8 މިނެޓް ކުޅުން ފެށިއިރު ޔުނައިޓެޑް އޮތީ ލީޑުގައެވެ. ނަމަވެސް އިތުރު ވަގުތުގެ ފަހު ދެ މިނެޓްގައި ދެ ލަނޑު ޖަހައި ޗެލްސީން ވަނީ ނަތީޖާ އަނބުރާލާފައެވެ. ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ލިބުނު ޕެނަލްޓީ ޖަހައިދިނީ ޕަލްމާއެވެ. ޖެހިގެން އައި މިނެޓްގައި ޕާލްމާ ވަނީ ޗެލްސީ މޮޅުކޮށްދިން ލަނޑުޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި މޮޅާއިއެކު ވެސް ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 30 މެޗުން ލިބިފައި ވަނީ 48 ޕޮއިންޓެވެ.