ފްރެންޗް ކަޕް ފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ޖާގަ ހޯދައިފިއެވެ.
ފްރެންޗް ކަޕް ސެމީ ފައިނަލުގައި ރޭ ޕީއެސްޖީއާއި ރެނެސް ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފައިނަލުގައި ޕީއެސްޖީ ބައްދަލު ކުރަން ޖެހޭނީ ލިޔޯންއާއެވެ. ލިޔޯން ވަނީ ސެމީ ފައިނަލުގައި 3-0 ގެ ނަތީޖާއިން ވެލެންސިއެންސް ބަލިކޮށްފައެވެ.
ރޭ މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ރެނެސްގެ އޭރިއާތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ރެނެސްގެ ޑިފެންޑަރ އޮމަރީ ގައިގައި ޖެހި މިސްރާބު ބަދަލުވެ ބޯޅަ ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ.
އޭގެ ފަސް މިނެޓް ކުރިން ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ރެނެސްގެ ޑިފެންޑަރ އޮމަރީ އެ ޓީމްގެ އޭރިއާތެރެއިން އެމްބާޕޭ ގައިގައި ހިފެހެއްޓުމުން ދިން ޕެނަލްޓީ، އެމްބާޕޭ ފޮނުވާލިއިރު، އެ ޕެނަލްޓީ ރެނެސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ޕީއެސްޖީން ވަނީ މިހާތަނަށް ސާދަ ފަހަރު ފްރެންޗް ކަޕް ކާމިޔާބު ކޮށްފައެވެ. ފަނަރަ ފަހަރު ކާމިޔާބު ކުރުމުގެ ފުރުސަތު ފަހިވިއިރު، އެ ޓީމުން އެންމެ ފަހުން ކަޕް ކާމިޔާބު ކޮށްފައި ވަނީ 2020-21 ސީޒަންގައެވެ. ކަޕްގެ އިތުރުން ލީގުގައި ބޮޑު ތަފާތަކުން ކުރީގައި އޮތީ ވެސް ޕީއެސްޖީއެވެ. ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ޕީއެސްޖީ މި މަހު ނުކުންނާނީ ބާސެލޯނާއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!