މި ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަމުގައި ގިނަ އިން އުޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރޯދަ މަހުގެ ފަހު 10 މިއަދު ފެށުމާ ގުޅިގެން ދިވެހި ހުރިހާ ރައްޔިތުންނަށް އެކަމުގެ ހެޔޮ ދުއާ ދަންނަވާ ކަމަށެވެ. ރަމަޟާން މަހުގެ ބަރަކާތާއި ސަވާބު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ފަހު 10 އެއީ ހާއްސަ ދުވަސްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން ފަސޭހަ ކުރުމަށެވެ.

ހެނދުނު ތެދުވެގެން މަސައްކަތަށް ދިއުމަށް ވުރެ މި ދުވަސްތަކަކީ އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީމަ ފަހު 10 ގެ ހެޔޮ ދަރުމަ އާއި ސަވާބު ހޯދުމަށް ދިވެހިންނަށް ވަރަށް ފަސޭހަ ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މި ފަހު 10 ގެ ބޭނުން އަޅުގަނޑުމެން އެންމެން ފުރިހަމަ ގޮތުގައި ހިއްޕަވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އިސްލާމްދީން މަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީހަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ. ފަހު 10 ގައި ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވައިފައެވެ.

މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވިއެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ބެހި އިރު، ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދީ ވަކި މިންވަރެއް މައާފްކޮށްދެއްވާނެކަން ވެސް ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ. ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯދައި ދިން ރޯދަ މަހަށް މިއަހަރުގެ ރޯދަމަސް ވާނެއެވެ.