އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން ހަމަލާދީ މަރާލި މުހައްމަދު ޒަޔާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ހަތް މީހުން ވެސް އެ ދައުވާތަކަށް ޝަރީއަތުގައި އިންކާރުކޮށްފި އެވެ.

ޖޫން, 2022 ގައި ހިންގި މި މަރުގެ މި މައްސަލާގައި ހަތަރު ކުޑަކުއްޖެއްގެ މައްޗަށް އަދި ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

Ad
rt

ކުޑަކުދިންގެ މައްސަލަތައް ޖުވެނައިލް ކޯޓުން ބަލަމުންދާއިރު، ހަތް މީހުންގެ މައްސަލަ ބަލަނީ ކްރިމިނަލް ކޯޓުންނެވެ. ދެ ކޯޓުގައި ވެސް މައްސަލަ ގެންދަނީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމާ ހަމައަށް ހަތް މީހުންގެ މައްޗަށް ކުރާ ދައުވާތައް އިއްވާފައިވާއިރު, ހަތް މީހުން ވެސް ދައުވާތަކަށް ވަނީ އިންކާރުކޮށްފަ އެވެ. އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެގެ އާއި އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ އާއި އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ އާއި އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިނާއި އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގެ އާއި ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ އާއި އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ މައްޗަށެވެ.

އޭގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމުގެ ދައުވާ ކުރަނީ ޔައީޝް އަންވަރާއި އައިލިޝް އަލީގެ މައްޗަށެވެ. ދެން ތިބި ފަސް މީހުންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމަށް އެހީތެރިވުމުގެ ދައުވާ ކޮށްފައިވެ އެވެ.

ދައުވާކުރި ކުޑަކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އަދި އަނެއް ތިން ކުދިންގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވެ އެވެ. އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. އަދި މިއީ ދުރާލާ ރޭވިގެން ހިންގި ކުށެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ އިތުރަށް ވެސް ބަޔަކަށް ހަމަލާ ދޭން ރާވާފައި އޮތް ކަމަށާއި އެ ކަން ނާކާމިޔާބުވީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.