ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ މަދަނީ މީހުން ތިބޭނީ އެންމެ ގިނަވެގެން ދެ އަހަރު ދުވަހު ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެއް އަހަރު ދުވަސް ފަހުން ރާއްޖެ އިން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސްގެ ރިޔާސީ ވައުދަކަށްވާ އިރުގައި އެ ވައުދު ފުއްދެވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ. މި ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ނަމަ، ވެރިކަމާ ހަވާލުވި އިރުގައި ރާއްޖޭގައި 89 ސިފައިން ތިން ސަރަހައްދެއްގައި ތިބިއެވެ. އެއީ ހދ. ހަނިމާދޫގައި އޮންނަ ޑޯނިއާ މަތިންދާ ބޯޓާއި ލ. ކައްދޫ އަދި ސ. ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތިބި ބައެކެވެ.
އެ ތިން ޕްލެޓްފޯމްގެ ތެރެއިން އައްޑޫގެ ގަމުގައި ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާގެ ސިފައިން ވަނީ މި މަހު ރާއްޖެ ދޫކޮށް ގޮސްފައިވާ އިރު، އެމީހުންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާގެ މަދަނީ މީހުން ވަނީ ގެނެސްފައެވެ. މި އަހަރުގެ މެއި 10 ގެ ކުރިން ހަނިމާދޫ އާއި ކައްދޫގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އެ ތަންތަނަށް ވެސް މަދަނީ މީހުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
"ވަގުތު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ތިބުމަކީ ރައްޔިތުންނާއި ސަރުކާރުން ވެސް ގަބޫލު ކުރާ ސިޔާސަތެއް ނޫން ކަމަށެވެ. އަދި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ދިވެހިން އެ ތަކެތި އޮޕަރޭޓް ކުރަން ހަވާލުވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެކަމަކު، ޓެކްނިކަލް ހުނަރުތަކެއް ހުންނަން ޖެހޭ ކަމެއްވީމަ، އިންޑިއާގެ މަދަނީ މީހުން ދުވަސްކޮޅަކު ރާއްޖޭގައި ތިބުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ހިސާބަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމެވެ. އޭގެ ފަހުގައި ދިވެހިން މި އުޅަނދުތައް ދުއްވުމަށްޓަކައި ތަމްރީން ކުރަން ބޭނުންވާ ކަން އިންޑިއާ އަށް ވެސް އެންގެވި ކަމުގައި ރައީސް ވިދާޅުވިއެވެ.
"އެބޭފުޅުން ވިދާޅުވި މިއީ ވަރަށް ޓެކްނިކަލް ހުނަރުތަކެއް ހުންނަން ޖެހޭ ކަމެއްވީމަ، ތިމަންނަމެންގެ މީހުން ވަގުތީ ގޮތުން ފޮނުވުން ފަސޭހަ ވާނެ ކަމަށް. އެހެންވީމަ އެގޮތުން މަދަނީ މީހުންނަށް ބަދަލު ކުރީ، އެގްރީމަންޓް ހެދިފައި އޮތީ. އެގްރީމަންޓޭ މި ދެންނެވީ ތިން ބައްދަލުވުން ބޭއްވި ލެޓާ އޮފް އެކްސްޗޭންޖްގައި ވަނީ ސޮއި ކުރެވިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ތިން ޕްލެޓްފޯމްގެ ތެރެއިން ދެ ޕްލެޓްފޯމްގެ ސިވިލިއަނުން ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އަނެއް ޕްލެޓްފޯމްގައި ތިބި ސިވިލިއަނުން ދެ އަހަރު ދުވަހު ތިބުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރި ލެޓާ އޮފް އެކްސްޗޭންޖުގައިވާ ގޮތުން ކައްދޫ އާއި ގަމުގައި ތިބުމަށް ހަމަޖެހިފައިވާ މަދަނީ މީހުން އަންނަ އަހަރުގެ ފެބްރުއަރީ 15 ގެ ނިޔަލަށް ރާއްޖޭގައި ތިބޭނެއެވެ. އަދި ހަނިމާދޫގައި ތިބުމަށް ހަމަޖެހިފައިވާ މަދަނީ މީހުން ފެބްރުއަރީ 15، 2026 ގެ ނިޔަލަށް ރާއްޖޭގައި ތިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!