މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ދޭ "މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރިހަބަށް ނުގޮސް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި ސުވާލުގައި އެދުނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާގައި ތިބޭ އިރު ވެސް، ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ހުކުމް ކޮށްފި ނަމަ ފަރުވާގައި ހުންނަ މީހާ ވެސް ވަޒީފާގައި ހުރުމަށް ފަހު، ރިހެބަށް ދާން ޖެހޭތީ އެ މައްސަލަ ހައްލުކޮށް ދިނުމަށެވެ.

Ad
rt

އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީ އާއި ސަރުކާރުގެ މުއައްސަސާތަކާ އެކީގައި ވާހަކަ ދެއްކުމަށް ފަހު، ފަރުވާ އެކީ ނިންމޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

"އެގޮތަށް ހެދޭނެ، އަޅުގަނޑު ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކާ ދަންނަވާނަން އެ ގޮތްތައް މިހާރަށްވުރެން ހަރުދަނާކޮށް، ފަރުވާ އެއްކޮށް ނިންމޭނެ ގޮތް ހަމަޖައްސައިދިނުމަށް" ރައީސް ވިދާޅުވިއެވެ.

"މިހާރަށް ވުރެ އެކަން ހަރުދަނާކޮށް އެކަމުގެ ޓްރީޓްމެންޓް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ހަމަޖައްސަވާނެ،"

"މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރާއްޖޭގައި ދިނުން މެދުކަނޑާލާފައި އޮވެފައި އެ ހިދުމަތް އަލުން ދޭން ފެށީ 2020 ގައެވެ.