ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިއަށް ގެންދިޔަ ކޮންސާޓަކަށް ރޭ ދިން ޓެރަރިސްޓު ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރޮކަސް ސިޓީ ކޮންސަޓް ހޯލަށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރަޝިއާ ސަރުކާރަށާއި ރައްޔިތުންނަށާއި ހާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށް ވެސް އެ ޕޯސްޓުގައި ޒަމީރު ވަނީ ވިދާޅުވެފައެވެ.

Ad
rt

ހަމަލާ ދިން މީހުން ކްރޮކަސް ސިޓީ ކޮންސަޓް ހޯލް ތެރެއަށް ވަނީ ކެމަފްލާޖް ޔުނިފޯމްގައި ތިބެގެންނެވެ. އެތަނަށް ވަދެ ބަޑިން ހަމަލާ 100 އަށް ވުރެ ގަނަ މީހުން ވަނީ މަރާލައިފައެވެ. މި ހަމަލާގެ ޒިންމާ ނަގާފައިވަނީ އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އިންނެވެ. އަދި މި ހަމަލާ ދިން މީހުން ސަލާމަތުން އެނބުރި ގޮސް މިހާރު ތިބީ ރައްކާތެރި ތަންތަނުގައި ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ވެސް ރަޝިޔާގެ މޮސްކޯ އާއި އެހެން ބައެއް ސިޓީތަކުގައި އައިއެސް އިން ހަމަލާ ދީފައިވެއެވެ. އަދި އެ ގައުމަށް ހަމަލާ ދޭން އުޅޭ ކަމުގެ އިންޒާރު އެމެރިކާ އިން މީގެކުރިން ދިޔައީ ދެމުންނެވެ. ވައިޓް ހައުސް އިން ބުނީ ކޮންސަޓް ފަދަ އެއްވުންތަކަށް ހަމަލާދޭން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ރަޝިޔާގެ ކަމާބެހޭ ފަރާތްތަކަށް ކުރިން ހިއްސާކޮށްފައިވާނެ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ރަޝިއާގެ އެއާޕޯޓުތަކާއި ރޭލްވޭ ސްޓޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، މަގުތަކަށް ސަލާމަތީ ބާރުތައް ވަނީ ނެރެފައެވެ. ރަޝިޔާގައި ދިން މި ހަމަލާ ކުށްވެރިކޮށް އެކި ގައުމުތަކުން ގެންދަނީ ބަޔާންތައް ނެރެމުންނެވެ.