ގިނައިރު ކޮޅަށް ހުރުމަށް ދަތިވާތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފިއެވެ.
ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގައެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލައްވަން ނިންމަވާފައިވާ ކަމަށެވެ.
"އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުޢާއަށް އެދެން." ޝަހީމް ވިދާޅުވިއެވެ.
ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އަނބުރާ އިމާމުވެ، ނަމާދުކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިމާމުކަމަކީ ކުޑައިރުން ފެށިގެން ވެސް ވަރަށް ލޯތްބާއި ޝައުގުވެރިކަމާ އެކު ކުރައްވާ ހިތުން ކުރައްވާ ކަމެއް ކަމަށެވެ. މި ރޯދަ މަހުގައި ޝަހީމް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަޝީދު މިސްކިތުގައި އިމާމުގެ ތަރާވީސް ކުރައްވާ އިރު، އިސްލާމީ މަރުކަޒުގައި ބައެއް ފަހަރު އިމާމްވެ ނަމާދު ވެސް ކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!