ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތައް ސަރަހައްދުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ވަރަށް އަވަހަށް ގާއިމު ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ހިޔާ ފްލެޓެއްގައި ދިރިއުޅޭ މީހަކު ކުރި ސުވާލެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން ކަންބޮޑުވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރެވޭނީ ކޮން ދުވަހަކުންތޯ އެމީހާ ވަނީ ސުވާލުކޮށްފައެވެ.

Ad
rt

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އުޅެން ފެށި ފަހުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިނުވާ ކަމަށެވެ.

"ހިޔާ ސަރަހައްދުގެ ކަންކަން އެއްގޮތަކަށް ވެސް ނުކޮށް ކުރިން ހުރީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް ވެސް މި ސަރުކާރުން ފުރިހަމަކޮށް ދެއްވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން މީހުންނާ ގުޅިގެން ކުޅިވަރު ކުޅޭނެ އެކި ކަހަލަ ވަސީލަތްތައް ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި އަންހެނުންނަށް ބޭނުންވާ އެކި ކަހަލަ ހޭންޑް ބޯޅަ ކޯޓުތަކާއި އެކި ކަހަލަ ކޯޓުތައް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ހިތްފަސޭހަ މައިދާންތައް ވެސް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް، އެއީ ކުޅިވަރު ކުޅޭ ކޯޓުތަކާއި ޕާކުތަކާއި ހިތް ފަސޭހަ މައިދާންތައް ހަދަން ނިންމާފައި އޮތީ، ހިޔާ ސަރަހައްދަކީ ރައްޔިތުން އެންމެ ގިނައިން އުޅޭ އެއް ސަރަހައްދަށްވުމުން ވަރަށް އަވަހަށް ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން މީހުންނާއި ގުޅިގެން ކުޅިވަރު ކުޅޭނެ އެކި ކަހަލަ ވަސީލަތްތައް ގާއިމުކުރާނަން. އޭގެ ތެރޭގައި ކަނބަލުންނަށް ބޭނުންވާ އެކި ކަހަލަ ހޭންޑް ބޯޅަ ކޯޓުތަކާއި އެކި ކަހަލަ ކޯޓުތައް ހިމެނޭނެ،" ރައީސް ވިދާޅުވިއެވެ.