އެކިއެކި ކުށްތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ނުވަތަ "ވާނުވާ" ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި މ. މުލަކު، އޯޝަންލެޑް، ނަޝީދާ ހަސަން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ނަޝީދާ ބުނި ގޮތުގައި އޭނާގެ ފިރިމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަތާ މިހާރު ދެ އަހަރުވަނީ ވެފައެވެ. އަދި ޝަރީއަތުން އެ މައްސަލަ ނިމިފައި ނުވާތީ ނަޝީދާ ވަނީ ކަންބޮޑުވުން ފާޅުކޮށް ވާނުވާ ބަންދުގައި ތިބި މީހުންނަށް ގާނޫނީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މުހިންމު ވައުދެއް ކަމަށެވެ. ރައީސް ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް ތި މައްސަލަ އަށް ގެނެވޭނެ ގޮތްތަކެއް ކުރަމުން މިގެންދަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ތަހުގީގު މަރުހަލާގައި ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. މިހާރު ކުރެވޭ މަސައްކަތްތަކާ އެކު ވާނުވާގެ މައްސަލަ ރަނގަޅު ދާއިމީ ހައްލެއް ގެނެވޭނެ ކަމުގައިވެސް ވިދާޅުވި އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ އެމަނިކުފާނުގެ މިދިޔަ މަހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. ޖަލުތަކުގެ ކަންކަން ހަރުދަނާކުރެއްވުމަކީ ވެސް ރައީސްގެ ރިޔާސީ ވައުދެކެވެ. އަދި އެކަންކަން މިދައުރުގެ ތެރޭގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.