ކުރީގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ފަށާފައިވަނީ ފައިސާ ނެތި ސިޔާސީ ބޭނުމަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސިއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރައްދު ދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ ސަރުކާރުން ހާއްސަކޮށް އަތޮޅު ތެރޭގައި ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ހެން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ށ. މާއުނގޫދޫގައި އޮތް އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި ސޯލިހު ވަނީ ވިދާޅުވެފައެވެ.

Ad
rt

ސޯލިހުގެ ވާހަކަފުޅަށް ރައްދު ދެއްވައި ޒިޔާދު ވިދާޅުވި ގޮތުގައި ރަށްރަށުގައި މަޝްރޫއުތައް ކުރީގެ ސަރުކާރުން ފަށާފައިވަނީ ފައިސާ ނެތިއެވެ. އަދި ޕްރޮޖެކްޓުތަކަށް ސަޕްލައި ކުރާ ކޮމްޕެނީތަކުން މެޓީރިއަލްސް ސަޕްލައި ކުރުވީ ކްރެޑިޓަށް ކަމަށާއި، ނަމަވެސް ފައިސާ ދޭނެ ޕްލޭނެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން އެމްޓީސީސީ އާ ހަވާލުވި އިރު ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް ކަމަށް ވެސް ޒިޔާދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކުރީގެ ސަރުކާރުން ތެޔޮ ވެސް އަޅާފައިވަނީ ކްރެޑިޓަށް ކަމަށެވެ. އަދި އެމްޓީސީސީއަށް މި ހާލު ޖެއްސީ ރައީސް ސޯލިހު ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ، ގޯސް ހައްދަވާފައި، މިހާރު ހެޑްލައިން އަޅުއްވަން ނުހައްދަވާ،" ޒިޔާދު ވިދާޅުވިއެވެ.

މި ވެރިކަން ފެށި، އެމްޓީސީސީއާ، އާ މެނޭޖްމަންޓުން ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި އެ ކުންފުންޏަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް އިރު، އެ ކުންފުނިން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ 954 މިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް ކަމަށް މިދިޔަ ބުދަ ދުވަހު ޒިޔާދު ވަނީ ނޫސްވެރިންނަށް ވިދާޅުވެފައެވެ. އަދި، ކުރީގެ މެނޭޖްމެންޓްގެ ބައެއް އަމަލުތައް ހުރި ގޮތުން ބައެއް މަޝްރޫއުތައް ހުރީ މަޑުޖެހިފައި ކަމަށް ވެސް ވިދާޅުވިއެވެ.