އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކޮމިޝަނުން ވަކިވެވަޑައިގެންފިއެވެ. ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ އިތުރުން ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި 21 އަހަރު ހިދުމަތް ކުރައްވައިފައެވެ.

ހަބީބު އީސީގެ މެމްބަރެއްގެ ގޮތުގައި ފުރަތަމަ އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗް 13، 2014 ގައެވެ.ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި މާޗް 13، 2019 ގައެވެ. ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައި ވަނީ 25 ޖެނުއަރީ 2021 ގައެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އޮންނަ ގޮތުން އެ ކޮމިޝަންގެ މެމްބަރަކަށް ވިދިވިދިގެން ތިން ދައުރެއް ފުރިހަމައެއް ނުކުރެވޭނެއެވެ.

ހަބީބު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާއަށް ރައްޔިތުންނާއި ކޮމިޝަންގެ މުވައްޒަފުންނާއި ސިޔާސީ ޕާޓީތަކާއި އަދި މުއައްސަސާތަކުގެ އިތުރުން ނޫސްވެރިން ކުރި އިތުބާރަށް ޝުކުރު އަދާކުރައްވައިފައެވެ.

"އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާއެއް،" ހަބީބުގެ މެސެޖްގައިވެއެވެ.

ހަބީބުގެ ދައުރު ހަމަވި އިރު، އޭނާއަކީ އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަނާ ގުޅުން ހުރި މައުލޫމާތުތައް އޭނާ ގެންދެވީ ކޮންމެ ދުވަހަކު ހެން ހާމަކުރައްވަމުންނެވެ.

ހަބީބުގެ ދައުރު ހަމަވުމުން އެމަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އެ ކޮމިޝަންގެ މިހާރުގެ ސެކެރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާގެ ނަމެވެ.