މާލޭގެ މަގުތަކަށް ކުނި އަޅައި މަގުތައް ހަޑިކުރި މައްސަލައިގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، މަގުތައް ފުރާލައިފައެވެ. ގެތަކުން ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ ސާމާނު ހިމެނެއެވެ.
މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވުމާ އެކު ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މަގުތައް ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ އެކި ސަރަހައްދަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން 100 މީހުން 500ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި 16 ދުވަސް ތެރޭގައި ސިޓީ ކައުންސިލުން އެކަނި ވެސް މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް މާލޭގެ މަގުތައް ސާފު ތާހިރުކޮށް ބެހެއްޓުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މަގުތަކުގެ ދެ ފަޅި އާއި ޕޭވްމަންޓުތަކަށް އަޅާފައިވާ ކުނިތަކުގެ ސަބަބުން ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ، އުޅަނދު ފަހަރު ދުއްވުމަށާއި ހިނގާ ބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!