ސަރުކާރުގެ އަމާޒަކީ ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅުވާލައި ރައްޔިތުންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް ޓްރާންސް ޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ އެހެން ވިދާޅުވީ ރޭ ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ޓްރާންސް ޕޯރޓް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ މަސައްކަތް ތަކާއި، 2020 ވަނަ އަހަރުގެ ތަސައްވަރާ ބެހޭގޮތުން އެކަމަނާ ރޭ ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.
2020 ވަނަ އަހަރުގެ އަމާޒު ތަކުގެ ތެރޭގައި އެކަމަނާ ވިދާޅުވީ، މި އަހަރު ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ށ. ފުނަދޫ އެއާޕޯޓް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މާރޗް މަހުގެ ތެރޭގައި ގދ. މާވަރުލު އެއާޕޯޓް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިއަހަރުގެ އޭޕްރިލް މަސްތެރޭ ޅ. މަޑިވަރު އެއާޕޯޓް އަދި އޮގަސްޓް މަސްތެރޭ ހއ. ހޯރަފުށި އެއާޕޯޓް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގދ. ފަރެސް މާތޮޑާ އެއާޕޯޓްގެ މަސައްކަތަށް ކުޑަ ބަދަލެއް އައިނަމަވެސް، ފަރެސް މާތޮޑާ އެއާޕޯޓް ވެސް މިއަހަރުތެރޭ ހުޅުވޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުން ހުޅުވި ކުޅުދުއްފުށި އެއާޕޯޓް އަދިވެސް އޮތީ ސަރުކާރުން ބޭނުންވާ ފެންވަރުގަިއ ނޫން ކަމަށެވެ. އެހެން ކަމުން މިއަހަރުގެ ތެރޭގައި އެ ރަށުގެ އެއާޕޯޓްވެސް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށްވެސް ތަރައްގީގެ މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!