ރާއްޖެއަށް ކަނޑު މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރީ-އެކްސްޕޯޓް ކުރަން ފަށަން އެމްޕީއެލުން ނިންމައިފިއެވެ.
އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ކުންފުނިތައް ބާރުވެރި ކުރުވައި ރާއްޖެއަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ރާއްޖެއަށް ކަނޑުގެ މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރީ-އެކްޕޯޓް ކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ ފުރަތަމަ މަސައްކަތްތައް ފަށައިގެން ކުރިޔަަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ކަނޑުމަގުން ރާއްޖެ އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ފޮނުވުމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި އެއާޕޯޓުގެ އިސްވެރިންނާ މަޝްވަރާކޮށް، ރާއްޖެއިން ބޭރަށް ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން އެކްސްޕޯޓުކުރެވޭނެ އިންތިޒާމުތައް ހަމަޖެހި އެއްބަސް ވުމަކަށް އާދެވިފައިވާ ކަމަށެވެ.
ވަޖީހު އިތުރަށް ވިދާޅުވީ، މިހާރުވެސް ވަރަށް ގިނަ މުދާ ކޮލަމްބޯ މަގުން ރާއްޖެ އައިސްފައިވާ ކަމަށާއި ކަނޑުމަގުން ރާއްޖެ ގެންނަ މުދާތައް ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާނެ އިންތިޒާމުތައް ހަމަޖައްސަން އެއާލައިންސްތަކާ މަޝްވަރާކޮށް މުދާ އެކްސްޕޯޓު ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. މީގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ، ޑޮލަރުން އާމްދަނީ ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޕޯއެލްގެ އެތެރޭގެ އިންތިޒާމުތައް ޒަމާނީ ވަސީލަތްތަކާ އެކުވުމުން، ޖުމުލަ 3000 ވުރެ ގިނަ ކޮންޓެއިނަރު ބަހައްޓާނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
ފަތުރުވެރިންގެ ހިދުމަތްތަކަށް ބޭނުންވާ "ބޮންޑެޑް ވެއާ ހައުސް"ތަކަށް ކުރިމަތިވި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭ ޕޯޓުގައި އިތުރު 150 ކޮންޓެއިނަރު ބަހައްޓާނެ ޖާގަ އިތުރު ކުރަމުން ގެންދާ ކަމަށާއި އެކަމުން ރިސޯޓުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށްވެސް މި ނޫސްވެރިވެރިންގެ ބައްދަލުވުމުގައި ވަޖީހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!