އެއްވެސް މެންބަރަކަށް އޮޅުވާލައިގެން ޗަންދާ ދައްކާކަށް ނުޖެހޭނެ ކަމަށާއި، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މާ ޅައީ ކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިނިސްޓަރަށް ރައްދު ދީފިއެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިނިސްޓަރު އަލީ ވަހީދަށް މިމޭރުމުން ރައްދު ދިނީ މިނިސްޓަރު ޓުވީޓެއް ކުރައްވައި ޓީމުން އޭނާއަށް އިންޒާރުތަކެއް ދެމުންދާ ކަމަށާއި، އަސްލު މައްސަލައަކަށް ވެގެން އުޅެނީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން ޓީމަށް ނުވަތަ ލޭބާ ޕާޓީއަށް ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް އޭނާ ނުދެއްވައިގެން ކަމަށް ވިދާޅުވުމުންނެވެ.

ޓީމުން ރައްދުދީ ކުރި ޓުވީޓުގައި ބުނެފައިވަނީ ޓީމު އަކީ ޓްރޭޑް ޔޫނިއަނެއް ކަމަށެވެ. " ޔޫނިއަނަށް ބޭނުންވާ ފަންޑް ރައިސްކުރުން އޮންނަނީ މެންބަރޝިޕް ޑިއުސްގެ ގޮތުގައި، މިހާރުވެސް ޓީމަށް ޗަންދާ ދައްކާ އެތައް ރިސޯރޓް ވޯކާސްއެއް ތިބޭނެ، އެއްވެސް މެންބަރަކަށް އޮޅުވާލައިގެން އަދި މަޖުބޫރުން ޗަންދާ ދައްކާކަށް ނުޖެހޭނެ" ޓީމުން ބުނެފައި ވެއެވެ. އެއަށްފަހު މިނިސްޓަރު އަލީ ވަހީދު ޓެގުކޮށް " މިނިސްޓަރު އަލީ ވަހީދު މާޅައީ " ކަމަށް ބުނެފައި ވެއެވެ.