އަންނަ މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް އީސީން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ގައެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ތާރީހު ކަނޑައަޅާފައި ވަނިކޮށް އިންތިހާބުތައް ރޯދަ މަހާ ދިމާވާ ނަމަ، ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކުރުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ބިލް ތަސްދީގު ކުރައްވައިފައެވެ.
އީސީން މިހާރު ވަނީ މަޖިލިސް އިންތިހާބު އޭޕްރީލް 21 ގައި ބޭއްވުމަށް ކަނޑައަޅައިފައެވެ. އެ ދުވަސް ދިމާވަނީ އާދިއްތަ ދުވަހަކާއެވެ.
ރައީސް މުއިއްޒު ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނު އޮތް ގޮތުން އޭޕްރީލް 21 ވަނަ ދުވަހު އިންތިހާބު ބާއްވަން އީސީ އަށް މަޖުބޫރުވެފައިވާ ކަމަށެވެ. އާދިއްތަ ދުވަހެއްގައި އިންތިހާބު ބާއްވަން ނިންމުމުން އެކަމާ މެދުގައި ސުވާލު ވެސް އުފެދުނު ކަމުގައި ރައީސް ވިދާޅުވިއެވެ.
"އިދިކޮޅު ޕާޓީގެ ބޭފުޅުން އަޅުގަނޑު ބަދުނާމްކޮށް ވާހަކަ ދައްކަން ފަށައިފި އަޅުގަނޑު ރައްޔިތުން ވޯޓުލިޔަ ނުދޭންވެގެން ބަންދު ނޫން ދުވަހަކަށް އެ ދުވަސް ހަދައިފި ކަމަށް. ދެން އަޅުގަނޑު އިލެކްޝަންސް ކޮމިޝަންގައި އަހައިފިން ކިހިނެއް ހޭ މިވަނީ. އެބޭފުޅުން ވިދާޅުވަނީ މަޖިލިހުން ގާނޫނު ފާސް ކުރި ގޮތުން ތިމަންނަމެންނަށް ބޭއްވެން އޮތް ދުވަހަކީ އެއީއޭ. ހޮނިހިރު ދުވަހަކަށް ހެދޭކަށް ނެތޭ، ރޯދަ މަސް ނިމި 10 ދުވަސް ފަހުންނޭ ބޭއްވެން އޮތީ،" ރައީސް ވިދާޅުވިއެވެ.
"އެ ބޭފުޅުން އާދިއްތަ ދުވަހަށް ހެދީ އަޅުގަނޑަކާ މަޝްވަރާކޮށްފައެއް ނޫން. ގާނޫނުގައި އޮތް ގޮތްވީމަ، ދެން އަޅުގަނޑު ދަންނަވާފައި އޮންނާނީ ތިޔަބޭފުޅުން ތިގޮތަށް އިއުލާންކޮށް ނިންމާފައިއޭ ތިއޮތީ. އެހެންވެ އަޅުގަނޑު ދެންނެވިން އެ ދުވަސް ބަންދު ކުރާނަމޭ."
އިންތިހާބުތަކާ ބެހޭ ގާނޫނަށް ފަހުން ގެނައި އިސްލާހުގައި ބުނަނީ، އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން ކަމަށް ބުނެފައިވެއެވެ.
އީސީން ބުނީ މިހާރު ކަނޑައަޅާފައި އޮތް ތާރީހަށް ވުރެން މަޖިލިސް އިންތިހާބު ލަސްކޮށްފި ނަމަ، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!