ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ހިނގައިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި މ. ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ހަރަދު ކުރި ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގު ކުރައްވައިފިއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ކުރި ސުވާލުގައި ބުނެފައި ވަނީ ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާއި އަމިއްލަފުޅު ގޭގެ ހަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަ ކުރި ކަމުގެ އަޑުތައް އިވިފައިވާ ކަމަށެވެ. އެގޮތުން ކެއުމުގެ ހަރަދަށް 30 މިލިއަން ރުފިޔާ އާއި އަމިއްލަ ގެކޮޅުގެ އެކޮމޮޑޭޝަނަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައެއް އަޑު އިވިފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ގެކޮޅުގައި ހުންނެވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ގޭގައި ހުރި ދުވަސްތަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލަ ހަރަދުކޮށްގެން. ދައުލަތުގެ އެއްވެސް ރުފިޔާއެއް، އެއްވެސް ހަރަދެއް ނޯންނާނެ ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ހަރަދެއް ނުކުރުވަން. ގޭގައި ސެކިއުރިޓީން ވެސް ތިބޭ. ހުރިހާ އެންމެން ވެސް ގޭގެ ހަރަދުގައި ބޭތިއްބީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ މިދިޔަ ނޮވެމްބަރު 17 ގައެވެ. އޭގެ ކުރިން ވެސް އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދިޔައީ ދިމްޔާތުގައެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި މި މަހުގެ 7 އާ ހަމައަށް ވެސް ރައީސް ދިރިއުޅުއްވީ ދިމްޔާތުގައެވެ. އެކަމަކު، ފަހުން ރައީސް ވަނީ މުލިއާގެއަށް ބަދަލުވެވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ކެއުމަށް ވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ނޯންނާނެ ކަމަށެވެ.
"ދައުލަތުން ހަރަދު ކުރާ ގޮތަށް އޮންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަތުން ނޫނީ އެއްވެސް ހަރަދެއް ނުކުރަން. އެއީ ދުވަހަކު ވެސް ތިކަހަލަ ވާހަކައެއް ބުނަން މީހަކަށް ޗާންސެއް ދޭން ބޭނުން ނުވާތީ." ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ 100 ދުވަހުގެ ތެރޭގައި ކެއުމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ވެސް ބުއްދީގެ ހަމަތަކުގެ މަތިން ބަލާއިރުގައި ވެސް ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމުގެ ހަރަދަށް އަހަރަކު އޮންނަނީ ހަތް މިލިއަން ރުފިޔާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!