އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏަކާ އެކުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

Ad
rt

އަދި ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ނުވަތަ އެންމެ ލަސްވެގެން ޖުލައި މަސް ނިމުމުގެ ކުރިން އެ ވިޔަފާރި ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ބަންކަރިން ހިދުމަތް ފެށުމުގެ ސަބަބުން އެތައް ވަޒީފާތަކެއް އުފެދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ވަރަށް ބޮޑެތި ވިޔަފާރީގެ ހަރަކާތްތަކެއް ތަނަވަސްވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެއާ އެކީގައި ރާއްޖެ އަށް އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ފޮރިން ކަރަންސީ، ފޮރިން އެކްސްޗޭންޖަށް ވަރަށް ބޮޑު އީޖާބީ ދޮރެއް ހުޅުވިގެން އެ ދަނީ. އެހެންވިއްޔާ އިރާދަކުރެއްވިއްޔާ ޒަމާންތަކަކަށް ތި ބޭފުޅުން އިންތިޒާރު ކުރި މަސައްކަތް ފެށިގެން އެ ދަނީ. މި ތަނުން ދަތުރު ކުރާ ބޯޓުފަހަރަށް ބަންކަރިން ހިދުމަތް ދޭން ދެތިން މަސް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީ ޒޯން ނަމުގައި ފްރީޒޯނެއް ހިންގާނެ ކުންފުންޏެއް ރަޖިސްޓްރީ ކުރެވި، ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދިއްޕޮޅުގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ކޮންވާޓްކޮށްދީފައިވާ ކަމަށެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަސައްކަތް މި އަހަރުގެ ތެރޭގައި ބިން ހިއްކަން ފަށާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދެތިން މަސްތެރޭ ފެށޭނެ ކަމަށް ސައީދު ވިދާޅުވި އިރު، ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން މިދިޔަ އޮގަސްޓް މަހު ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާ ހަވާލުކޮށްފައެވެ. މި ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި އެ އެއްބަސްވުން ދަނީ ރިވިއު ކުރަމުންނެވެ. ދެތިން ހަފްތާގެ ތެރޭގައި ބަންކަރިން ހިދުމަތް ދިނުމަށް ހަވާލު ކުރަނީ ކޮން ބަޔަކާ ކަމެއް ސައީދު ވިދާޅެއް ނުވެއެވެ.