މިހިނގާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި ސަރުކާރުން ބޭނުންވިގޮތައް މަޝްރޫޢުތައް ހިމެނިގެންނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ހަވީރު ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު ތަންފީޒު ކުރަން ލިބުނު ދައުލަތުގެ ބަޖެޓަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ، މި ސަރުކާރުން ހަވާލުވެގެން ހެދި ބަޖެޓެއް ނޫން ކަމަށެވެ.
''މިއީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވާ ވާހަކައެއް. އަޅުގަނޑުމެންނަށް މިފަހަރު މި ހަވާލުވި ބަޖެޓަކީ، އަޅުގަނޑުމެން ހަވާލުވެގެން ހެދި ބަޖެޓެއް ނޫން. ހަނދުމަފުޅު ހުންނާނެ. މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުން، ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުށަހެޅި ބަޖެޓެއް.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި އާ ސަރުކާރާއި ހަވާލުވުމަށް، ބަޖެޓަށް ކަންކަން ހުށަހަޅަން ޓްރާންސްޒިޝަން ޕީރިއަޑްގައި ކުރީ ސަރުކާރުން ދިނީ ދިހަވަރަކަށް ދުވަހެވެ.
އެ ދިހަވަރަކަށް ދުވަސް ތެރޭގައި ޓީމު އެކުލަވައިލައިގެން، ތިބެ ވަރަށް ގިނަ މަސައްކަތްތަކަށް، ވަރަށް ބޮޑެތި ޢަދަދުތަކުން ފައިސާ ޖަހައި ހުށަހެޅުއްވިކަމަށް ރައީސް ވިދާޅުވިއެވެ.
''ހަނދުމަފުޅު ހުންނާނެ، ރަސްމާލެ ހިއްކަން ޖެހި ފައިސާ އެއްކޮށް އުނިކޮށްލީ. އެއީވެސް މިސާލެއް ދަންނަވަން. މި ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ކޮންޓްރޯލްގައި، އަޅުގަނޑުމެން ބޭނުންވި ގޮތަށް މަޝްރޫޢު ހިންގާ ގޮތަކަށް ނޫނޭ ބަޖެޓް ފާސްވެފައި އެއޮތީ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެވާހަކަ ދަންނަވާލީ މަޖިލީހުގެ މުހިންމުކަން އަންގައިދިނުމަށް ކަމަށާއި، ސަރުކާރަށް ތާއީދުކުރާ މެންބަރުންތަކެއް ތިބި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާނެ، ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއްގެ މެޖޯރިޓީ އޮންނަ މަޖިލީހެއް ބޭނުންވާނެ ކަމުގެ މުހިންމުކަން ދަންނަވަން ވެގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!