ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތާ އެކުގައި ރައްޔިތުން ބޭނުންވާ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދެެކުނުގެ އަތޮޅުތަކަށް މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކުރަމުން ދާނީ ދަތިތަކުން އަރައިގަނެގެން ކަމަށެވެ.

Ad
rt

"މަޖިލިސް ހުޅުވި ދުވަހު، ގާނޫނީ ގޮތުން އެކަން ބަޔާން ކުރަން ޖެހޭތީ އަޅުގަނޑު އޮންނާނީ އެކަން ވަރަށް ތަފްސީލްކޮށް ކިޔައިދީފައި. އެހެންވީމަ އެއީ ގައުމު ވައްޓާލާފައި އޮތް ހާލަތު. އެ ހާލަތުން ނަގާ ކޮޅަށް ޖަހަން ރައްޔިތުން އަޅުގަނޑާ ހަވާލު ކުރީ. އެހެންވީމަ އެ މަސައްކަތް އަޅުގަނޑު މި ކުރަނީ. ކުރަމުން ނަތީޖާ ނެރެދެމުން ދާނީ އިރާދަކުރެއްވިއްޔާ. ނަތީޖާ ނެރުމުގައި އަޅުގަނޑުމެންގެ ޓީމު، ކެބިނެޓް، ކުންފުނިތަކުގެ ވެރިން، އަދި އަޅުގަނޑުމެންގެ އެމްޕީސް އެކުގައި، އަދި އަޅުގަނޑުމެންގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ކައުންސިލަރުންނާއި މުޅި ސަރުކާރުގެ ނިޒާމު މަސައްކަތް ކުރާނީ އެ ނިޔަތުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭ މަންޒިލަށް ވާސިލްވުމަށް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

ރާއްޖޭގެ ނިޒާމު ރޭވިފައި އޮތް ގޮތުން ސަރުކާރަކަށް ކަމެއް ކުރެވެން އަންނަނީ ރައްޔިތުން ދެ ފަހަރަށް ގޮތް ނިންމައިގެން ކަމަށާއި ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ވެސް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެ އިންތިހާބު އެއްކޮށް އޮތް ނަމަ، ވަރަށް ފަސޭހަވެގެން ދިޔައީސް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރެއް ވަކި މިސްރާބަކުން ގެންދިއުމުގައި ރައްޔިތުންގެ މަޖިލިހަކީ މުހިންމު ތަނެއް ކަމަށެވެ. ރައީސް ސިފަ ކުރެއްވި ގޮތުގައި މަޖިލިހަކީ ވަރަށް މުހިންމު ކޮންޓްރޯލިން ޕަވަރެކެވެ.

"މަސްހުނި ނިޒާމެއް، މުޅިން ރިޔާސީއެއް ނުވޭ، ބަރުލަމާނީއެއް ނުވާ މަސްހުނި ނިޒާމެއް ރާއްޖޭގައި މިއޮތީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލިހުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ނަމަ، މި ނިޒާމު އިންތިހާ އަށް ބޮއްސުންލައިގެން ހިނގައިދާނެއެވެ. އަދި މަޖިލިހުގައި މިހާރު ހިނގަމުންދާ ކަންކަމަށް ބަލާއިރު ވެސް ފެންނަނީ އެ މަންޒަރު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން ހޮވުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އޮންނަ އިރު، އަންނަ މަހުގެ 17 ވަނަ ދުވަހު އެ ފުރުސަތު ރައްޔިތުންނަށް އަނެއްކާ ވެސް ލިބިގެންދާނެ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް މަޖިލިހަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.