ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ގާއިމްކުރި "އިސް ރަށްވެހިންގެ ނާދީ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ރާޑާރަށް އަރުވައިގެން މަސައްކަތް ކުރުމަކީ މި ސަރުކާރުން ސަމާލުކަން ދޭނެ ކަމެއް ކަމަށެވެ. އެއީ މީގެކުރިން ނަމަ، ހަވާސާކޮށްފައި ތިބި ބައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
"ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަޅާ ނުލެވި ސަރުކާރުގެ ރާޑާރަށް ނާރާ، ބަޖެޓުގެ ގޮތުން ބެލިޔަސް އެކިކަހަލަ ރިސޯސަސްތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައިވާ ފަރާތްތައް މެއިންސްޓްރީމްކޮށްގެން ރާޑަރު މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގެދޮރު އެޅުމުގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، އެކި ކަހަލަ ޝަރުުތުތަކާއި، ކެޓެގަރީތައް ކަނޑައަޅާއިރު، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި މިކަމަށް ހާއްސަ ބިލެއް މަޖިލީހަށް ފޮނުވޭނެ. ހައުސިންގ ކެޓެގަރީތަކުގެ ފަންތިތަކާއި ގިންތިތައް ކަނޑައެޅުމާއި ގުޅޭ ބިލެއް، މި ބިލް ފަރުމާ ކުރެވިގެން ދާއިރު، ހަވާސާ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަމެއް ދިނުން، އިސްރަށްވެހިންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ގޭތެރޭގައި ކަންތައް، މާލޭގައިވެސް ރާއްޖޭގައިވެސް ހުރި ގޮތުން، ދަތިތައް އެބަހުރި ގެދޮރުގެ މައްސަލައިގައި، އެ ދޭން ޖެހޭ އިސްކަމެއް ނުދެވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ދިވެހިންގެ އަސާސްތަކުގެ މަތިން ހަނދާން ބަހައްޓަން ޖެހޭކަމަށާއި، އެގޮތުން އިސްލާމް ދީނާއި ދިވެހިބަހާއި ސަގާފަތާއި އާދަކާދަތަކަށް އޭގެ ފުރިހަމަ ގޮތުގައި އިހުތިރާމު އަދާކޮށްގެން ކުރިއަށް ދާންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި މި ހުޅުވުނު މަރުކަޒަކީވެސް މި ގައުމީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަރުކަޒުގެ ފުރިހަމަ ބޭނުން ހިފުމަށް އިސްރަށްވެހިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.
ހަމައެހެންމެ އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެކަމަށާއި އަދި އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ގާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ އިސްރަށްވެހިންގެ ނާދީ ބައްލަވާލައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!