އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި "އިސްރަށްވެހިންގެ ނާދީ" މިއަދު ހުޅުވައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ހެދި މި ނާދީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ޖެންޑާ މިނިސްޓްރީން ބުނީ އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރަނީ މުޖުތަމައުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާއީ ކަންކަމުގައި އިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ މީހުންގެ ނަފްސާނީ، އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށް ދިނުމަކީ ވެސް މިފަދަ މަރުކަޒުތައް ގާއިމުކުރުމުގެ ބޭނުމެއް ކަމުގައި ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ގުރުއާނާއިބެހޭ މަރުކަޒު ހިންގަމުންދިޔަ އިމާރާތުގައި ހުޅުވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ގާއިމުކުރުމަށް ކެބިނެޓްގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވައިފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ގާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.