އަންނަ މާރިޗް މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވާދަ ކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންކުރެ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ މެދުގައި ގުރުނެގުން ފަށައިގެން މުރިއަށް އެބަދެއެވެ.

ނަން ތަރުތީބު ކުރުމުގެ ކުރީން އިންތިޚާބާ ބެހޭ ޤާނޫނާއި އެއްގޮތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދު މެންދުރު 14:00 އާއި ހަމައަށް ހުޅުވާލާފައެވެ.

Ad
rt

އެއަށް ފަހު ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރު ނެގުން ވެސް މިއަދަށް އޮތީ ތާވަލުކޮށްފައެވެ.

ގުރުލުން ކުރިއަށް ދަނީ އިންތިޚާބާހޭ މައި މަރުކަޒު، ދަރުބާރު ގޭގައި މިއަދު މެންދުރުފަހު 14:30 އިން މިރޭ 18:30 އަށެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަވިއިރު، 93 ދާއިރާއަކަށް 381 ކެންޑިޑެސީ ފޯމް ހުށަހެޅިއެވެ.

އިންތިޚާބަށް ކުރިމަތިލީ މީހުންކުރެ ނަން އަނބުރާ ގެންދިޔުމުގެ މުއްދަތު ހަމަވިއިރު، ނަން ނެގި އަދަދު އީސީން އަދި ހާމައެއް ނުކުރެއެވެ.

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. ވިހި ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ.