ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މި ސީޒަނަށްފަހި، ޕީއެސްޖީ ދޫކޮށްލަން ނިންމައި އެކަން އެ ކުލަބަށް އަންގައިފިއެވެ.

އުމުރުން 25 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އެއްބަސްވުން އައު ނުކުރާނެކަން އޭނާ އެ ކްލަބަށް އަންގާފައިވާއިރު، ދެން އޭނާ ގުޅޭނެ ވަކި ކުލަބެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެމްބާޕޭއަކީ ފާއިތުވި އަހަރުތަކުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި އަދި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެކެވެ. ވުމާއިއެކު އޭނާ ދެން ގުޅޭނީ ރެއާލާއިކަން ވަނީ މިހާރު ކަށަވަރުވެފައެވެ. އެއީ އެމްބާޕޭ ވެސް އެ ގޮތް ބޭނުންވާތީއެވެ.

Ad
rt

މި ސީޒަން ފެށުމުގެ ކުރިން ވެސް އޭނާ ވަނީ ރެއާލަށް ބަދަލުވާން މަސައްކަތްތަކެއް ކޮށްފައެވެ. އެފަހަރު އޭނާއާއި ޕީއެސްޖީއާއި އުފެދުނު ނުތަނަވަސް ކަމުގައި ޕްރީ ސީޒަން މެޗުތަކުން އޭނާ ބާކީ ވެސް ކުރިއެވެ. އެއަށްފަހު އެއް އަހަރު އެ ޓީމްގައި މަޑުކުރަން އޭނާ ނިންމިއެވެ.

މި ސީޒަން ނިމުމާއިއެކު އޭނާ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް އެމްބާޕޭ ބޭނުންވެއްޖެނަމަ އަދި އެއް އަހަރު ދުވަހަށް އެ އެއްބަސްވުނަ ދިގު ދަންމާލެވޭނެއެވެ. އެހެން ވެއްޖެނަމަ އޭނާއަށް ޕީއެސްޖީއަށް ވަފާތެރިވުމުގެ ބޯނަސްގެ ގޮތުގައި އެ ޓީމުން ކަނޑައަޅާފައިވާ 100 މިލިއަން ޔޫރޯ ލިބޭނެއެވެ. ނަމަވެސް އޭނާ ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ނިންމުމުން އެ ބޯނަސް ނުލިބޭނެއެވެ.

އެމްބާޕޭ ޕީއެސްޖީއާއި ގުޅިފައި ވަނީ ފްރާންސް ލީގުގެ މޮނާކޯއިންނެވެ. އެއީ އޭނާގެ އުމުރުން 18 އަހަރުގައި 2017 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު އޭނާ ވަނީ އެ ކްލަބާއިއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ.

ފާއިތުވި މުއްދަތުގައި އޭނާ ވަނީ ޕީއެސްޖީއަށް ކުޅުނު 290 މެޗުގައި 243 ލަނޑުޖަހައި 93 އެސިސްޓް ހަދާފައެވެ. އަދި ފަސް ފަހަރު އޭނާ ވަނީ ޕީއެސްޖީއާއިއެކު ފްރާންސް ލީގު ކާމިޔާބު ކޮށްފައެވެ.