ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ކަމާ ގުޅޭ އުސޫލެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކޮށްފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ "ކުރުސީ.ކޮމް" އާއި "ދިޔަވަރު.ކޮމް" އާއި "ދޮންއަމާ.ކޮމް" ނަމުގައި ހިންގާ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

Ad
rt

މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވީ އެންމެ ފުޅާ މިނެއްގައި ހުޅުވާލާފައި އޮތުމަށް ކަމަށާއި ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފު ނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

ހާއްސަކޮށް ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލައި ހަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖުތަމައު އަށް ކޮށް ބައެއް މުހިންމު މައްސަލަތަކުގައި ހަގީގީ މައުލޫމާތު މީހުންނަށް ސާފު ނުވާ ކަމަށް ވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

މީޑިއާ ކައުންސިލުން ބުނި ގޮތުގައި ޝަކުވާ ލިބިގެން އެ ވެބްސައިޓުތައް ބެލިއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން ފާހަގަކުރެވޭ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް އެކަމުގައި ކައުންސިލުގެ ނިންމުންތައް ހާމަކުރާނެ ކަމަށެވެ.

"މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް މި ކައުންސިލްގެ ގިނަ
މެންބަރުން ދެކެއެވެ،" މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެ މަސައްކަތް ކުރި އޮތް ދުވަސްތަކުގައި ކުރާނީ މީޑިއާތަކާއި ކަމާ ގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި އާންމުންގެ ހިޔާލާ ވެސް އެކުގައެވެ.

ކައުންސިލުން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާއިރު އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އެކަން ކުރަން އިލްތިމާސްކޮށްފައެވެ. އަދި ދޮގު މައުލޫމާތުތައް ފެތުރުން ތަކުރާރުކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުގެ ތެެރެއިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަަމަށް ބަޔާނުގައިވެއެވެ.