ބޮޑެތި އިންވެސްޓްމަންޓުތަކާއި މަޝްރޫއުތައް އައުމުން ޑޮލަރު ތިޔާގިވެ، މިހާރަށް ވުރެ ފަސޭހަ އިން ޑޮލަރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ކ.މާފުށީ، ޖަންބުމާގޭ، އަހްމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ ދަތިކަމަށް ހައްލެއް އަންނާނީ އިގްތިސާދީ ގޮތުން ގެންނަން ޖެހޭ އިސްލާތައް ގެނެސް އިގްތިސާދު ފުޅާ ކުރެވުނީމަ ކަމަށެވެ. އަދި ބިޔަ ބޮޑެތި މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް ހިނގަން ފެށީމަ، ޑޮލަރު ތިޔާގިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

Ad
rt

"ޑޮލަރުގެ ތާށިކަން، އިގްތިސާދީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނެވުނީމަ، ރިފޯމް ގެނެވުނީމަ، އެކްސްޕޭންޝަން ފުޅާވުން ގެނެވުނީމަ އިރާދަކުރެއްވިއްޔާ ބިޔަ، ބޮޑެތި މަޝްރޫއުތައް ހިނގަން ފެށީމަ އަދި އިންވެސްޓްމަންޓުތައް ގިނަވާން ފެށީމަ އިރާދަކުރެއްވިއްޔާ ޑޮލަރު ތިޔާގިވާނެ.އިރާދަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް އަވަސްވާނެ، ފަސޭހަވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15.42ރ. އެވެ. އެކަމަކު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 17ރ. އަށް ވުރެ ބޮޑުވެފައެވެ. އެ އަގުގައި ޑޮލަރު ވިއްކަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މީގެކުރިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. އަށް ވެސް އަރައިގެން ދިޔައެވެ. އެކަމަކު، ފަހުން އެ އަދަދު ވަނީ ވެއްޓިފައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހައްލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ޑޮލަރުގެ ތާށިކަން އުޅެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުން އައި ފައިސާތަކެއް ހުސްކޮށްލީމަ އާއި ތެލުގެ އަގަށް އައި ބަދަލުތަކާއެކު ޑޮލަރު ކުރިއަށް ވުރެ ބޮޑަށް ބޭނުން ކުރަން ޖެހުނީމަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިގްތިސާދީ ހަރަކާތްތައް ފަށައިގަންނަން މިހާރު ބިންގާ އެޅިއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތީ މަސައްކަތް ފަށައިގަތުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.