ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ލާޒިއޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރުސަތެއް ވެސް ނުހޯދި ބަޔާން ބަލިވެއްޖެއެވެ. ލާޒިއޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ބަޔާން ބަލިކޮށްފިއެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ކުޅުނު ނަމަވެސް ލާޒިއޯގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނެވެ. ފަހަކަށް އައިސް ބަޔާނުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ލީގުގައި އެންމެ ފަހުން ބަޔާން ލެވަކޫސެން އާއި ކުޅުން މެޗުން ވެސް 3-0 ގެ ނަތީޖާއިން ވީ ބައްޔެވެ. ލީގު ތާވަލުގެ ދެވަނާގައި އެ ޓީމް އޮތްއިރު އެއްވަނާގައި އޮތް ލެވަކޫސެންއާއި ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މި ސީޒަންގައި ބަޔާނާއި ގުޅުނު އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ފަރާތުން ސީޒަންގެ ފުރަތަމަ ކޮޅުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާ ވަނީ ބަޔާނަށް ފުރަތަމަ ކުޅުނު 16 މެޗުގައި 22 ލަނޑު ޖަހާފައެވެ. ނަމަވެސް އޭނާގެ ފޯމް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭނާއަށް އެންމެ ފަހުން ކުޅުނު 12 މެޗުން ޖެހުނީ ހަ ލަނޑެވެ.
ފާއިތު އެގާރަ އަހަރުތެރޭ މިއީ ބަޔާނަށް ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ ސީޒަނެވެ. ޖަރުމަނު ސްޕަ ކަޕް މެޗުން ބަލިވެ އެ ތަށި ގެއްލުނުއިރު، ޖަރުމަނު ކަޕުން ވެސް މިހާރު އެ ޓީމް ވަނީ ކަޓާފައެވެ. ލީގުގެ ދެވަނާގައި ފަސް ޕޮއިންޓްގެ ފަރަގަކާއިއެކު އޮތުމާއި އެއްވަނާގައި އޮތް ލެވަކޫސެންގެ ފަރާތުން މި ސީޒަންގައި ފެންނަމުންދާ މޮޅު ކުޅުމުގެ ސަބަބުން ލީގާއި މެދު ކުރެވޭ އުންމީދު ވެސް އެ ޓީމަށް މިހާރު ވަނީ ފަނޑުވެފައެވެ.
ރޭ މެޗުގައި ބަޔާންގެ އުޕަމެކާނޯއަށް ވަނީ 67 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާފައެވެ. އެއީ ބަޔާންގެ އޭރިއާ ތެރެއިން ލާޒިއޯގެ ގުސްޓާވް އަށް ކުރި ފައުލަކާއި ގުޅިގެންނެވެ. އެ ފައުލަށް ލިބުނު ޕެނަލްޓީ ލާޒިއޯއަށް ކާމިޔާބު ކޮށްދީ މެޗުން މޮޅުކޮށްދިނީ އިމޯބެލޭއެވެ.
މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗް މަހުގެ 5 ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!