ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމު ކުރީ ރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގްތިސާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށެވެ.
ތުރުކީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރަން ޖެހޭ 22 ކަމެއް ހިމެނެއެވެ.
އޭގެ ތެރޭގައި ތުރުކީގައިރާއްޖެ ތަމްސީލުކޮށް، އެ ގައުމުގައި ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި ރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާ ކުރަން މަސައްކަތް ކުރުން ހިމެނެއެވެ. އަދި ތުރުކީއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރަން ޖެހެއެވެ.
މީގެއިތުރުން ތުރުކީ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، މީޑިއާގެ ފަރާތްތަކާއި، ތުރުކީގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދަމަހައްޓަން ޖެހެއެވެ.
ތުރުކީގައި ހިންގާ މުހިންމު ސިޔާސީ، އިގްތިސާދީ ކަންކަމާއި އެނޫންވެސް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، ލަސްނުކޮށް ފޮނުވުމަކީ ވެސް ތުރުކީގައި ގާއިމު ކުރާ ދިވެހި އެމްބަސީގެ މަސްއޫލިއްޔަތެކެވެ.
ތުރުކީގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައްކުރުމާއި ރާއްޖޭގެ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދީ އެފަދަ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ގައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ޑިސެމްބަރު 10 ގައެވެ. ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީ އަށް ކުރައްވައިފައެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އާއި ތުރުކީގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައެވެ.
ތުރުކީއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ މެއި 28، 1979 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!