އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން ބާންލީ ބަލިކޮށްފައެވެ.

މި މޮޅާއިއެކު މެންޗެސްޓާ ސިޓީއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެން ލިވަޕޫލު ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ލިވަޕޫލުން 24 މެޗުން 54 ޕޮއިންޓް ހޯދާފައިވާއިރު، ސިޓީން ވަނީ 23 މެޗުން 52 ޕޮއިންޓް ހޯދާފައެވެ. ލިވަޕޫލް އަތުން ބަލިވި ބާންލީ މިވަގުތު އޮތީ ތާވަލުގެ 19 ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.

Ad
rt

ލިވަޕޫލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ ޑިއެގޯ ޖޮޓާއެވެ. މި ލަނޑު އޭނާ ޖަހާފައި ކޯނަރަކުން އާނޯލްޑް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލިވަޕޫލަށް ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ބާންލީއަށް ލަނޑު ޖަހައިދިނީ ޑަރާ އޮޝެއާއެވެ.

ލިވަޕޫލަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ލިބުނީ 52 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ޖަހައިދިން ލަނޑުންނެވެ. އެ ޓީމްގެ ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި އެލިއޮޓް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޑާވިން ނުނޭޒްއެވެ.

ބާންލީން ވެސް ވަނީ މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ހޯދާފައެވެ. ހާއްސަކޮށް އެ ޓީމްގެ ފޮފާނާއަށް ލިބުނު ހުސް ދެ ފުރުސަތު ފާހަގަ ކޮށްލެވެއެވެ. އޭނާ ފޮނުވާލި އެއް ހަމަލާ ގޯލާއި އަމާޒުނުވެ ދިޔައިރު އަނެއް ހަމަލާ މަތަކުރީ ރޭ ލިވަޕޫލުގެ ގޯލު ބެލެހެއްޓި ކެލަހާއެވެ. ރޭ މެޗަށް ބަދަލު ކީޕަރު ކެލަހާ އެރުވީ ލިވަޕޫލްގެ އެއް ނަމްބަރު ކީޕަރު އެލިސަން ބަލިވުމުގެ ސަބަބުންނެވެ.