ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލުން ލީޑު ފުޅާކޮށްފިއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ވަނީ ޖިރޯނާ ބަލިކޮށްފައެވެ.

ޕޮއިންޓް ތާވަލުގެ އެންމެ ކުރީ އޮތް މި ދެ ޓީމަށް ރޭގެ މެޗުގެ ނަތީޖާ އޮތީ ވަރަށް ބޮޑަށް މުހިންމުވެފައެވެ. މި މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ޖިރޯނާއަށް އޮތެވެ. ނަމަވެސް ބަލިވުމުން ރެއާލަށް ވަނީ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރެއާލް އެއްވަނާގައި އޮތީ 24 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ޖިރޯނާއަށް ލިބިފައި ވަނީ 24 މެޗުން 56 ޕޮއިންޓެވެ.

Ad
rt

ރޭ މެޗުގައި ރެއާލުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ވިނީސިއަސް ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށްދީ ރެއާލަށް ލީޑު ނަގައިދީފައެވެ. ޖިރޯނާގެ އޭރިއާ ބޭރުގައި ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީކަނަށެވެ. އެ ބޯޅަ ގޯލުގެތެރެއަށް ވަނީ ދަނޑީގައި ޖެހިފައެވެ.

ރެއާލުގެ ދެވަނަ ލަނޑު ވިނީސިއަސްގެ މޮޅު ޕާހަކުން ޖަހައިދިނީ ބެލިންހަމްއެވެ. މެޗުގެ ތިންވަނަ ލަނޑު 54 ވަނަ މިނެޓުގައި ބެލިންހަމް ޖެހީ ވިނީސިއަސް އުފެއްދި ހަމަލާއެއް ޖިރޯނާގެ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ އޭނާ މި ސީޒަންގައި ރެއާލަށް ޖަހައިދިން 20 ވަނަ ލަނޑެވެ. ލީގުގައި ޖެހި 16 ވަނަ ލަނޑެވެ. އޭނާ ވެފައިވަނީ މި ގަރުނުގެ ތެރޭ ރެއާލަށް އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި މިޑްފީލްޑް ކުޅުންތެރިޔާއަށެވެ.

މެޗުގެ ފަހުކޮޅު ބެލިންހަމްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ އަނިޔާއާއި ގުޅޭގޮތުން ރެއާލުގެ ކޯޗް އަންޗެލޮޓީ ބުނީ އަނިޔާ މާ ސީރިއަސްކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި، މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ލައިޕްޒީގްއާއި ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

ރެއާލުގެ ހަތަރުވަނަ ލަނޑު 61 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރިގޯއެވެ. މެޗުގެ ފަހު މިނެޓުގައި ޖިރޯނާގެ އޭރިއާ ތެރެއިން ރެއާލްގެ ގުލާއަށް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ހޮސެލޫ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިއީ މި ސީޒަންގައި އޭނާ މިސްކޮށްލި ދެވަނަ ޕެނަލްޓީއެވެ.