ރާއްޖޭގެ ރިސޯޓުތައް ތަރައްގީ ކުރާނީ މަސައްކަތަށް ފަހު، ރަށަށް ދެވޭނެ އިންތިޒާމާ އެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް "ރައީސްގެ ޖަވާބު" ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ތ. ވޭމަންޑޫ ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި، ތ. އަތޮޅުގައި ގިނަ ރިސޯޓުތަކެއް ހުޅުވާނެ ކަމަށެވެ.
ރައީސްގެ ޖަވާބު
8 ފެބްރުވަރީ 2024ތ.ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، މި ދައުރުގައި ތ.އަތޮޅަށް ޓޫރިޒަމް ފުޅާވެ ރިސޯޓްތައް އިތުރުވާނެތޯ ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/prnJIzC1yu
— Government of Maldives (@governmentmv) February 8, 2024
"މި މަސައްކަތް ކުރަނީ އިރާދަކުރެއްވިއްޔާ މި އަތޮޅަށް ގިނަ ރިސޯޓުތަކެއް މި ދައުރުގެ ތެރޭގައި ހަމަ ގެންނާނަން. ވަރަށް ޔަގީންކަން ދެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުން ރަށުގައި ތިބެ ކައިރި ރިސޯޓްތަކުން ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށް ދެއްވާނެ ކަމަށެވެ. އެގޮތުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރަމުންދާއިރު ކައިރި ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ރަށަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދަދޭނަން އިރާދަކުރެއްވިއްޔާ. ވަރަށް އަވަހަށް އެކަން ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެން އަތޮޅުތަކުގައި ވެސް އަޅުގަނޑުގެ ވިސްނުމަކީ ޒުވާނުންނަށް، ދިވެހި ރައްޔިތުންނަށް ރިސޯޓުގައި ތިބެގެން ވަޒީފާ އަދާކޮށްފައި، ކައިރީގައި އޮންނަ އޭނާގެ އަމިއްލަ ރަށަށް ދެވޭ ގޮތަށް އެކި ހިސާބުތަކަށް ރިސޯޓުތައް އިތުރުކުރަން."
ޒުވާނުންނަށާއި އެކި އުމުރުފުރާގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދޭން ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީ މެދުވެރިކޮށް އެކަން ކޮށްދެެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ތ. ވިލުފުއްޓާއި ތ. ގުރައިދޫގައި އެއާޕޯޓެއް އަޅާނެ ކަމަށެވެ. އޭރުން ތ. އަތޮޅުގައި ތިން އެއާޕޯޓެއް އޮވެ، ކަނެކްޓިވިޓީ އިތުރުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ތ. އަތޮޅުގައި މިހާރު އޮންނަނީ ތ. ތިމަރަފުށީ އެއާޕޯޓު އެކަންޏެވެ.
"މުޅި އިގްތިސޯދަށް ގެންނަން މަސައްކަތްކުރާ ކުރިއެރުމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެ އަންނަވަރު ގިނަވާނެ. އަދި އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މި ބަލަނީ ވަރަށް އަވަހަށް ފުޅާކޮށް ތަރައްގީ ކުރެވޭތޯ. އޭރުން ވެސް ޓޫރިސްޓުން އަންނަވަރު ގިނަވާނެ،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!