ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މިއަހަރު އިތުރު 20 ރިސޯޓު އޮޕަރޭޓް ކުރަން ފެށޭވަރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު (ތ. އަތޮޅު) އަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ އެންމެބޮޑު އެއްކަމަކީ، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހުރި އިޤްތިޞާދީ ޞިނާޢަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މައިގަނޑު ޞިނާޢަތްތަކަކީ، ޓޫރިޒަމާއި މަސްވެރިކަމާއި އަދި ދަނޑުވެރިކަން ފާހަގަކުރައްވަމުން، ޓޫރިޒަމް ޞިނާޢަތް ފުޅާކުރުމަށްޓަކައި ޓޫރިޒަމްގެ ރިޒޯޓުތަކާއި، ޓޫރިޒަމްގެ އެކިކަހަލަ މަޝްރޫޢުތައް، އެކި އަތޮޅުތަކަށް، އެކި ކަންކޮޅުތަކަށް ފުޅާކުރަން މަސައްކަތް ކުރަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
''އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ. އިންވެސްޓަރ ކޮންފިޑެންސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ގެނައުން އެއީ، މި ދެންނެވި ފުޅާކުރުމަށްޓަކައި އޮތް ކީ. އެ ކީ އަކީ، މި ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރު އޮތް ޙާލަތުން އެބަ އަރައިގަންނަކަން، އެއަށް ބުންވަރު އެބަ ލިބޭކަން، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް އެބަ ތެދުވާކަން، އެ ގެރެންޓީ، އެ ކޮންފިޑެންސް އިންވެސްޓަރުންނަށް އެބަ ލިބެންޖެހޭ.'' ރައީސް ވިދާޅުވިއެވެ.
އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުކުރުމަށް މި ކުރެވޭ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަޤީންކން މި ސަރުކާރަށް އެބައޮތް ކަމަށާއި، އަދި ރާއްޖެއަށް އަންނަ އިންޓަރނޭޝަނަލް އެކިއެކި ޖަމުޢިއްޔާތަކާއި، އިންސްޓިޓިއުޝަންސްތަކުންވެސް މި ސަރުކާރުގެ މި މަސައްކަތް ބަލައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
''އޭގެތެރެއިން މި ދެންނެވި ފަދައިން ޓޫރިޒަމް ފުޅާކުރެވޭނެ. މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި އަމާޒު ކޮށްފައި އޮތް ގޮތަށް 20 ރިޒޯޓް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން 20 ރިޒޯޓް ހުޅުވުމުގެ މަސައްކަތް މި ކުރަނީ. މި އަތޮޅަށްވެސް، މި ސަރަޙައްދަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ، އޭގެ ފައިދާ ގެންނަން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތައް، އަމާޒަށް އެކަން ގެންދެވޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!