ވުލްވްސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް މަތެއުސް ކުންޔާގެ ހެޓްރިކުން ޗެލްސީ ބަލިކޮށްފިއެވެ. ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ވުލްވްސް އިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ.
ވަރަށް ބޮޑަށް ނަތީޖާތައް ދަށްވެފައިވާ ޗެލްސީއަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ލިބިފައި ނުވެއެވެ. މިދިޔަ މަހުގެ ފަހުކޮޅު އެފްއޭކަޕްގައި އެސްޓަންވިލާއާއި ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރު ވެގެންނެވެ. މީގެ ހަތަރު ދުވަސް ކުރިން ލިވަޕޫލް ދަނޑުގައި ޗެލްސީ ވަނީ 4-1 ގެ ނަތީޖާއިން ބަލިވެފައެވެ. ރޭ މެޗުން ބަލިވުމާއިއެކު ޗެލްސީގެ ސަޕޯޓަރުން ވަނީ ދަނޑުގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޗެލްސީންނެވެ. މި ލަނޑު 19 ވަނަ މިނެޓުގައި ޖަހައިދިނީ ކޯލް ޕަލްމާއެވެ. ނަމަވެސް ވުލްވްސް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ކުންޔާ ޖެހިއިރު، އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ޗެލްސީގެ ޑިސާސީގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ވުލްވްސް ތިންވަނަ ލަނޑު 63 ވަނަ މިނެޓުގައި ކުންޔާ ޖަހައިދިންއިރު، 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ވުލްވްސްއަށް ހަތަރުވަނަ ލަނޑު ޖަހައިދީ ކުންޔާ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އޭނާ ވަނީ މި ސީޒަންގައި ކުޅުނު 23 މެޗުގައި ނުވަ ލަނޑުޖަހައި ހަ ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ. ޗެލްސީގެ ދެވަނަ ލަނޑު 86 ވަނަ މިނެޓުގައި ޖަހައިދިނީ ތިއާގޯ ސިލްވާއެވެ.
މި ބައްޔާއިއެކު ޗެލްސީ ވަނީ ތާވަލުގެ 11 ވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. މެޗުން މޮޅުވި ވުލްވްސް މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމުން ވަނީ 23 މެޗުން 32 ޕޮއިންޓް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!