މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށްފަހު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
މަޖިލީހުގެ ވެބްސައިޓްގައިވާގޮތުން މި ޖަލްސާ ފަށާނީ މެންދުރު ފަހު 14:00 ގައެވެ.
މި ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ މަޖިލީހުން ރުހުން ނެތްކަމަށް ނިންމި ތިން ވަޒީރަކު އަލުން ވަޒީރުކަމަށް ޢައްޔަނުކޮށްފައިވާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދުﷲ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
އެއަށްފަހު މާދަމާގެ ޖަލްސާގެ އިބްތިދާއީ ބަހުސްގެ ބައިގައިގައި އޮތީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ހުށަހެޅުއްވި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެވެ.
ޝިފާޢުގެ މި ބިލަކީ ރޯދަ މަހުގެ ތެރޭގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ގެންނަން ހުށަހަޅާފައިވާ ބިލެކެވެ.
އެ ބިލު ހުށަހަޅާފައި މި ވަނީ އަންނަ މަޖިލިސް އިންތިޚާބު އަންނަ ރޯދަ މަހުގެ ތެރޭގައި ބާއްވަން ނިންމާފައި ވަނިކޮށެވެ. އިންތިޚާބާބެހޭ ޤާނޫނު މިހާރު އޮތްގޮތުން އެ ޤާނޫނުގައި ބުނާ ތާރީޚްތަކަށް ބަލާނަމަ އެ އިންތިޚާބު އެއަށްވުރެ ފަސް ކުރުމުގެ ދޮރުއޮތީ މުޅިންހެން ބަންދުވެފައެވެ.
މައުލޫމާތު ލިބޭގޮތުގައި މާދަމާ މި ބިލުގެ ބަހުސް ހިންގުމަށްފަހު މުޅި މަޖިލިސް ކޮމެޓީއަށް ގޮސް ބިލުގެ މަސައްކަތް ނިންމުމަށް ވަނީ މަޝްވަރާ ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!