ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ބައިވެރިނުވުމަށް ނިންމައި ޖަލްސާ ބޮއިކޮޓްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި، (އެމްޑީޕީ) އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާކަން މިދިޔަ މަހުގެ 24 ގައި ޢިއުލާންކޮށްފައިވާއިރު، މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ދެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރުން ވެސް ބައިވެރިނުވުމަށް ވަނީ ނިންމާފައެވެ.

Ad
rt

މި ޖަލްސާގައި ބައިވެރިނުވުމަށް އެމްޑީޕީން ނިންމި ސަބަބު އަދި ހާމަނުކުރާއިރު، ޑިމޮކްރަޓްސް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި އެ ޕާޓީން މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމީ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކޮށްފައިވާތީއެވެ.

މި ޖަލްސާ ފަށަން ނިންމާފައި ވަނީ މާދަމާ ހެނދުނު 9:00 ގައެވެ.

މިއީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

މަޖިލީހުގައި މިވަގު އެމްޑީޕީގެ 42 މެންބަރުން ތިއްބަވައެވެ. އަދި ޑިމޮކްރެޓްސްގައި 13 މެންބަރުން ތިއްބަވައެވެ.