އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޖަހައިދިނީ ރަސްމުސް ހުއިލަންޑްއެވެ. މިއީ އޭނާ ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ޖެހި ފަސްވަނަ ލަނޑެވެ.

Ad
rt

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ގަނާޗޯއެވެ. މިއީ މި ސީޒަންގައި ލީގުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި އެންމެ ބޮޑު ތަފާތުން މޮޅުވި މެޗެވެ.

މި މެޗުގައި ވެސްޓްހޭމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. މިގޮތުން އެ ޓީމްގެ އެމަސަންއާއި ބޮވެންގެ އިތުރުން ޑެނީ ބެން ޖޯންސަންއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

ފައިތިލައަށް ލިބުނު އަނިޔާއަކާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރެފައި ދާދިފަހުން ކުޅުމުގެ ތެރެއަށް އައި ޔުނައިޓެޑްގެ ޑިފެންޑަރ ލިސަންޑްރޯ މާޓިނޭޒްއަށް ވަނީ މި މެޗުގައި އަނިޔާވެފައެވެ. މިއީ އޭނާ އަނިޔާއިން ސަލާމަތްވެގެން އައިސް ކުޅުނު ހަތަރުވަނަ މެޗެވެ. ވެސްޓްހޭމްގެ ކޮއުފަލް މާޓިނޭޒް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭ މާޓިނޭޒްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ ބަދަލު ކޮށްފައެވެ.

މި މޮޅާއިއެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 23 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، މެޗުން ބަލިވި ވެސްޓްހޭމް އޮތީ 23 މެޗުން ލިބުނު 36 ޕޮއިންޓާއިއެކު ތާވަލުގެ ހަތްވަނާގައެވެ.