މިއަދު މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އަންގައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، 4 ފެބްރުއަރީ (މިއަދު)ގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ.

Ad
rt

ހައްދުފަހަނާއަޅާފައިވާ އިސްރާއީލޭ ކިޔުނު ޖަމާއަތުގެ ލާއިންސާނީ ޢުދުވާން ހައްދުންނެއްޓި، ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުން ބޮޑުތަނުން އިތުރުވުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތުކިޔަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.

އިސްރާޢީލުގެ އަނިޔާވެރިކަމަށް އަދިވެސް ނިމުމެއް އައިސްފައިނުވާއިރު، މިހާރު ވެސް އިސްރާއީލުން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ލާއިންސާނިއްޔަތުކަން އިސްކޮށް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އިސްރާއީލުގެ މި ނުބައި ޢަމަލުތައް ހުއްޓުވަން ދުނިޔެއިން މަސައްކަތް ނުކުރާއިރު އިސްލާމީ ގިނަ ޤައުމުތަކުން ވެސް އެ ޢަމަލު ކުށްވެރިކުރުން ފިޔައިވައި މާބޮޑު އެއްޗެއް ނުބުނެއެވެ.

ނަމަވެސް ރާއްޖެއަކީ ކުޑަ މުސްލިމް ޤައުމެއް ނަމަވެސް ރާއްޖެއިން އަންނަނީ ފެށުނީއްސުރެ، ޚާއްޞަގޮތެއްގައި އިސްރާޢީލުގެ މިފަހަރުގެ އުދުވާނާއި ގުޅިގެން ވަރަށް ބޮޑަށް އެކަން ކުށްވެރިކޮށް އަޑު އުފުލަމުންނެވެ.

މިގޮތުން މިހާރުގެ ސަރުކާރުން ވެސް ވަނީ ބައިނަލްއަގްވާމީ އެކި މައިދާންތަކުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލާފައެވެ.