ބޭރުގެ އަސްކަރީއަކުން ރާއްޖޭގެ ކަންނެލި މަސްވެރިކަން ކުރާ ތިން ދޯންޏަކަށް 31 ޖެނުއަރީ 2024 ދުވަހު އަރާފައިވާއިރު، އެތަނުން ދޯންޏެއްގައި ބޭރު އަސްކަރިއްޔާއެއްގެ ސިފައިންކަމަށް ބެލެވޭބަޔަކު ހަރަކާތްތެރިވާ ވީޑިއޯތަކެއް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އާންމުކޮށްފިއެވެ.

އެ ދޯނިތަކަށް ބޭރުގެ އަސްކަރިއްޔާއަކުން އެރުމުން އެކަން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ފުރަތަމަ ގެންނައީ ވެސް އެ ޖަމިއްޔާއިންނެވެ.

Ad
rt

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ބޭރުގެ އަސްކަރިއްޔާއަކުން އެ ދުވަހު އަރައި ބަލާފާސްކުރީ އަސުރުމާ3، ނިރު7 އަދި މާހޯރަ3 މި ތިންދޯންޏަށެވެ.

އެ ދޯނިތަކަށް ބޭރުގެ އަސްކަރިއްޔާއަކުން އަރައި، ބިރުދައްކައި، މުވާސަލާތުކުރަން ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް ބިރުދައްކާފައިވާ ކަމަށް ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މި ޢަމަލަކީ ނުރައްކާތެރި މަސްވެރިކަމަށް ހުރަސް އެޅުމުގެ ޢަމަލެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އަސުރުމާ ދޯނީގެ ފަރާތުން ވާހަކަ ދައްކާފައިވާއިރު، އެ ދޯނިން ބުނީ ބޭރުގެ ސިފައިންގެ ބަޔަކު އެ ދޯންޏަށް އެރީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށްކަމަށެވެ.

މިކަމާއި ގުޅޭގޮތުން ދިވެހި އަސްކަރިއްޔާއިން ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުން އަންނަކަމަށެވެ.

މިކަމާއިގުޅިގެން މަސްވެރިކަމާބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ، ބޭރު ސިފައިންގެ ބަޔަކު އެރިއިރު އަސުރުމާ-3 ދޯނި ބޮޑު ކަންނެލި މަސްވެރިކަމުގައި އުޅުނީ ހއ . ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައިކަމަށެވެ.

''މިއުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިންގ ސިސްޓަމްއިން ކަށަވަރުވެއެވެ. މިހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުންދާވާހަކަ ދަންނަވަމެވެ.'' އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ޝިޔާމް ވިދާޅުވެފަވެއެވެ.