އިންޑިއާ އިން 2024-2025 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ރާއްޖެ އަށް 72 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދިނުމަށް ކަނޑައަޅައިފިއެވެ.
އަވަށްޓެރި އިންޑިއާ އިން ކޮންމެ އަހަރެއްގެ ބަޖެޓު ވެސް ހަދަނީ އޭޕްރީލް މަހުގެ 1 އިން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. މި ހިނގާ 2023-2024 ގެ ބަޖެޓު މި މާޗް މަހުގެ ނިޔަލަށް ނިމޭއިރު، އެ ބަޖެޓުގައި ރާއްޖެއަށް ވަނީ ހިލޭ އެހީގެ ގޮތުގައި 93 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ކަނޑައަޅައިފައެވެ.
އެހެންކަމުން މިފަހަރު ކަނޑައަޅާފައިވާ އަދަދަކީ ކުރީ ފަހަރަށް ވުރެ ދަށް އަދަދެކެވެ.
އިންޑިއާއިން އަންނަ އަހަރުގެ ބަޖެޓަށް ބޭރުގެ ގައުމުތަކަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި 650 މިލިއަން ޑޮލަރު ދޭން ވަނީ ކަނޑައަޅައިފައެވެ. ރާއްޖޭގެ އިތުރުން ބޫޓާން، އަފްޣާނިސްތާން، ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ، މިޔަންމާ ފަދަ ގައުމުތަކަށް ހިލޭ އެހީ އާއި ލޯން ދިނުމަށް ކަނޑައަޅާފައިވެއެވެ.
އެ ގައުމުން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެނީ ބޫޓާން އަށެވެ. އެގޮތުން ބޫޓާނަށް 249 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދިނުމަށް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
އިންޑިއާގެ ބަޖެޓުގައި ރާއްޖެ އަށް ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައެޅި ނަމަވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!