ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބޭރު ހަ ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ބުނިގޮތުގައި މި އިންތިޚާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުޙަލާ ނިމުމުން، މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އީސީން ބުނެއެވެ.

Ad
rt

މި އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނަކީ އިންޑިއާގެ ތިރިވަރަމްދަމްޕޫރަމް (ޓްރިވެންޑްރަމް) އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރު އާއި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން އާއި އެކުވެރި އަރަބި އިމާރާތް (ޔުނޭޓެޑް އެރެބް އެމިރޭޓްސް - ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީ އަދި ތައިލެންޑްގެ ވެރިރަށް ބޭންކޮކް ގައެވެ.

މިއިންތިޚާބުގައި މާލޭގައި 181 ފޮށި، ހުޅުމާލޭގައި 50 ފޮށި އަދި ވިލިމާލޭގައި ބަހައްޓާ 9 ވޯޓު ފޮށްޓާއެކު މާލެ ސަރަހައްދުގައި ޖުމްލަ 240 ވޯޓު ފޮށި ބަހައްޓާނެއެވެ.

މި އިންތިޚާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި، ރިސޯޓުތަކުގައި 37 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި އަދި ސިނާއީ ސަރަހައްދުތަކުގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމަވާފައެވެ.

މި އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަން މަރުހަލާ މިހާރު ހިނގަމުންދާއިރު ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް މި މަރުހަލާ ކުރިއަށް ދާނެއެވެ. އަދި މި މަރުހަލާ ނިމުމުން ރީ-ރަޖިސްޓްރޭޝަން ކުރި ޢަދަދަށް ބަލައި ވޯޓުފޮށީގެ ނިސްބަތަށް ބަދަލު އައުން އެކަށީގެންވާކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ރިސޯޓެއްގައި ނަމަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ރިސޯޓަކަށް މަދުވެގެން 30 މީހުން ވޯޓުލުމަށް ރީ- ރަޖިސްޓްރީ ކުރާނަމައެވެ. އަދި ބޭރު ޤައުމެއްގައި ނަމަ ވޯޓު ފޮށި ބަހައްޓާނީ އެ ޤައުމަކަށް މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރާނަމައެވެ.

މި އިންތިޚާބު ބާއްވަން އީސީން ނިންމާފައި ވަނީ 17 މާރިޗު 2024 ގައެވެ.