މާލޭގެ ގެއަކުން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވައްކަންކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އެ ގެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި ބައެއް ތަކެތި ވަނީ ހޯދާފައިވާއިރު، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާ ޖަނަވަރީ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. މި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި ދެމީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ހ. ތިމާވެށި ގެ އިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެތަނުން އެކަކު ދިރިއުޅޭ ގެ އިން ފެނިފައިވާއިރު، ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އެ ދެމީހުންވެގެން ވަގަށް ނަގާފައިވާ މި ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަކަށް ފުލުހުން ބުނެއެވެ.