ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލިއިރު ދަރިފުޅުގެ ބުއްފުޅިއަށް ދާންދެން އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭ ޕާކްގެ ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް ފްލެޓް ވިއްކި ކަމުގެ ތުހުމަތުގައި، މަންޑޭ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓާއި އަގުބޮޑު ތަކެތި ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

Ad
rt

ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި މަންޑޭގެ ވަކީލް ވިދާޅުވީ ފުލުހުން އެތަނަށް ވަދެ ތަކެތި އަތުލިއިރު އެއީ ކާކުގެ އެއްޗެއްތޯ ވެސް ބަލާފައިނުވާ ކަމަށެވެ. އަދި ދަރިފުޅުގެ ބުއްފުޅި އާއި ނިދާ ތަންމަތި ފުލުހުން ގެންދިޔަ ކަމަށާއި އަދި ފުލުހުން އަމަލުކުރީ އިހާނެތިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ ބުއްފުޅިއަށް ދާންދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ. އެ ކުއްޖާގެ ނިދާ ތަންމައްޗާއި މިހެން ގޮސް ވަރަށް ބައިވަރު އެއްޗެހި ވަރަށް އިހާނެތިކޮށް އެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަދެ ހުރިހާ އެއްޗެއް ގެންގޮސްފައިވަނީ." އޭނާގެ ވަކީލް އަލީ ޝާހު ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި މަންޑޭގެ ތަކެތި ކަމަށް ބުނެ ފުލުހުން އަތުލާފައިވާ ތަކެތީގެ ތެރޭގައި ހުސްވެފައި ހުރި ސެންޓުފުޅި ވެސް ހިމެނެ އެވެ. އަދި އެ ތަކެތި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާންމުންނަށް ދައްކާފައިވާ ކަމަށާއި އެއީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެ މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ މައްސަލައެއް ނޫން ކަމަށެވެ. އަދި ދަށު ކޯޓުގެ އަމުރު ގާނޫނާ ހިލާފްވި ގޮތެއް މަންޑޭގެ ފަރާތުން ބުނެ ނުދެވޭ ކަމަށާއި އަދި އެފަދަ އަމުރެއް ނުނެރެވޭނެ ސަބަބެއް ވެސް ބުނެ ނުދެވޭ ކަމަށް ދައުލަތުން ބުންޏެވެ.

ދަށު ކޯޓުގެ އަމުރުގައި ހިމެނެނީ މަންޑޭގެ އެޕާޓްމެންޓް ހިފެހެއްޓުމަށް ކަމަށާއި އެހެންވެ، އެތަނުގައި ހުރި މުދާ ހިފެހެއްޓޭނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެޕާޓްމެންޓްގައި ހުރި މުދާތައް ހިފެހެއްޓީ އެހެން އަމުރެއްގެ ދަށުން ކަމަށެވެ.

ކުރީގެ އަމުރެއްގެ ދަށުން އެ ތަކެތި ނުގެންދިޔައީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެޕާޓްމެންޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ ފަހުން ކަމަށާއި އޭރު ވެސް ތަކެތި ހިފެހެއްޓުމުގެ މަސައްކަތް ދިޔައީ ކުރަމުން ކަމަށް ދައުލަތުން ބުންޏެވެ.

އެތަނުގައި އުޅޭ ތިން ވަނަ ފަރާތްތަކުގެ ހައްގު ހިމާޔަތް ކުރަން މަސައްކަތް ކުރިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ ފުލުހުން މަސައްކަތްކުރީ ތިން ވަނަ ފަރާތްތަކުގެ ހައްގު ނުގެއްލޭ ގޮތަށް ހެޔޮ ނިޔަތުގައި ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން އިއްޔެ ވަނީ ނިންމާލައިފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މާނިއު އެވެ.

ކޭ ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އޮތީ އުފުލައިފަ އެވެ.