ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމަށް އާމިނަތު ސޫޒަން މިއަދު ހަމަޖައްސައިފި އެވެ.
ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ސޫޒަން އަކީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑް މެންބަރެވެ.
މީގެ އިތުރުން އޭނާ އަކީ ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)ގެ ވެސް އެގްޒެކެޓިވް ބޯޑް މެންބަރެކެވެ.
ބޭންކިން ދާއިރާއިން މަސައްކަތުގެ ދާއިރާއަށް ނުކުންނެވި، ސޫޒަން ވަނީ އެޗްއެސްބީސީ މޯލްޑިވްސްގައި ހަތް އަހަރު ހިދުމަތް ކުރައްވާފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވާފައެވެ. އެއީ ރާއްޖޭގެ ރިސޯޓް ޑިވެލޮޕްމަންޓް ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުންޏެވެ.
ސީއީއޯއަކަށް ސޫޒަން ޢައްޔަނުކޮށް، މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސޫޒަން އެ މަގާމަށް ހަމަޖެއްސުމަކީ އެ އެސޯސިއޭޝަނުން މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ކުރިއެރުވުމަށްދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ހަމައެހެންމެ، ރާއްޖޭގެ ޖީޑީޕީގެ ފަސް ޕަސެންޓް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު މި ދާއިރާގައި ހަރަކާތްތެރިވަނީ ދިވެހި އަންހެނުންގެ އެންމެ ފަސް ޕަސެންޓް ކަމަށް މަޓާޓޯއިން ވަނީ ފާހަގަކޮށްފައެވެ.
މަޓާޓޯ ވުޖޫދަށް އައީ 2006 ވަނަ އަހަރު އެވެ. އެ ޖަމިއްޔާ އިން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ތަފާތު އެވޯޑުތައް ވެސް އެ ޖަމިއްޔާ އިން ތައާރަފްކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!