ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމެއް ހައްލުކޮށް ދެއްވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ވާނީ ރައްޔިތުންނާ ދޭތެރޭގައި އެހީތެރިވާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ރައްޔިތުންނާއި ސަރުކާރާ، ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ ވަރަށް ޒިންމާދާރު މުއައްސަސާއަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ މާލެ ސިޓީ ކައުންސިލުން އެ ޒިންމާ އަދާކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"މިއީ ވަރަށްބޮޑު އަމާނާތެއް. އަޅުގަނޑު ފަށަމުން ދެންނެވި ގޮތަށް، އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރީ އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. މިއަށް ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ، ރައްޔިތުން މަގުމަތިވާނެ ކަމެއް. އެ ފުރުސަތެއް އަޅުގަނޑެއް ނުދޭނަން. ރައްޔިތުންނަށް ބޭނުންވަނީ، އުފާފާގަތިކަން ގެނެސްދޭން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ގެދޮރުގެ މައްސަލަ ނަގާފައި ދެވަނަ އަށް އެންމެ ބޮޑު މައްސަލައަކަށް އޮތީ މަގުތަކާ ގުޅިފައި އޮތް އެކިއެކި މައްސަލަ ކަމަށެވެ. އޭގެ ތެރޭގައި މަގުތަކުގެ ފެންވަރު ދަށްވުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، އަޅުގަނޑު ހުވާކުރިއިރުގައި، އޭގެ ކުރީގެ މޭޔަރު ޝިފާ ހުންނެވިއިރުގައި، ފެށިފައި އޮތް މަޝްރޫޢެއް އޮތް، މަގުހެދުމުގެ މަޝްރޫއެއް. ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ބަޖެޓުގައިވެސް އޮތް. އަޅުގަނޑުމެން ބެލީ އެ މަސައްކަތް ކުރިއަށް ގެންދަން. އެހެން ނަމަވެސް، ކުރިއަށްދިޔުމުގެ ފުރުޞަތެއް އެއްގޮތަކަށްވެސް ނުލިބުނު. ވަކި ހިސާބަކުން ޕްރޮޖެކްޓް މަޝްރޫޢު އަތުލެއްވީ. އަތުލީމާ މަސައްކަތެއް ނުކުރެވުނު. އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ އަނެއްކާވެސް އެ މަސައްކަތް ކުރަން. ސަރުކާރުން ބޭނުންވަނީ، ކައުންސިލް މެދުވެރިކޮށް، އެކަން ކުރިއަށް ގެންދަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމެވެ. ދެވަނަ މަޝްރޫޢަކީ، ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުން ކަމުގައި ވިދާޅުވިއެވެ.

"އެހެންވީމާ، މަގު ހެދުމުގެ މަސައްކަތަކީ ވަރަށް އިސްކަންދީގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ މަސައްކަތެއް. އޭގެތެރޭގައި، ފެންބޮޑުވުމުގެ މައްސަލައާއި، ޑީވޯޓަރިންގގެ މައްސަލަވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އާދެ، މި މަސައްކަތަށް އިރާދަކުރެއްވިއްޔާ، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަޤީންކުރަން. ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، މާލޭގެ މަގު ހެދުމުގެ މަސައްކަތަކީ، ވަރަށް އަވަހަށް ފެށިގެންދާނެ ކަމެއް." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގެ ހަ ސަރަހައްދެއްގައި ޕާކިން އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ، މާލަސްތަކެއްނުވެ، އެޕްރީލް މަސް ހިސާބުގައި، ޢަމަލީގޮތުން، ފިޒިކަލީ، މި އިމާރާތްތައް މާލޭގައި އަޅަން ފެށޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާލޭގެ ރައްޔިތުންނަށް މި މުހިންމު ކަންކަން ކުރުމުގައި އަޅުގަނޑުމެން ކުރިއަށްދާނީ ކައުންސިލާ އެކީގައޭ. ފުރިހަމަ އެއްބާރުލުމާ އެކީގައި ބާރަށް ގެންގޮސް މިކަންކަން ހައްލުކުރާނަމޭ. މަގުތަކާ ގުޅިފައިވާ މި ބޮޑެތި މައްސަލަތައް، މަގުތައް ހެދުމާއި، ޕާކިންގގެ މައްސަލަ، މާލޭގައި، މި ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙައްލުކުރާނަން."